2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ވެނެޒުއެލާ އާ ބައްދަލުކުރި މެޗުން 1-1 އިން ބްރެޒިލް އެއްވަރުވިއިރު، ވާދަވެރި އާޖެންޓީނާ ވަނީ ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ، ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފައެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އަމިއްލަ ދަނޑުގައި ބްރެޒިލް އެއްވަރުވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕްގެ އެއްވަނައިގައި އާޖެންޓީނާ އޮތީ ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ބްރެޒިލް ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތްއިރު، ތިނެއްގައި އޮތް ކޮލަމްބިއާ އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އުރުގުއޭ އޮތީ ހަތަރު ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ފަސްވަނައިގައި އޮތް ޗިލީ އާއި ހަވަނައިގައި އޮތް ވެނެޒުއެލާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އުރުގުއޭ އަަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

އެރީނާ ޕެންޓަނާލްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މުޅި މެޗުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ބްރެޒިލުން ލީޑްނެގީ ނޭމާ ނެގި ކޯނަރެއްގެ އެހީގައި ގެބްރިއެލް މަގަލޭޝް ކާމިޔާބުކުރި ގޯލުންނެވެ. ގެބްރިއެލް މި ލަނޑުޖެހީ ބޮލުންނެވެ. މިއީ ބްރެޒިލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ޕެރަގުއޭ ކޮޅަށް ލަނޑުޖެހުމަށްފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އޭގެފަހުން، މެޗުގެ 71 ވަނަ މިނެޓުގައި ވިނީޝަސް ޖޫނިއާ ދެވަނަ ގޯލެއް ކާމިޔާބުކުރިނަމަވެސް، އޮފްސައިޑް ކަމަށް ނިންމައި ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

ވެނެޒުއެލާ އިން އެއްވަރުކުރި ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެޑުއާޑް ބެލޯ އެވެ. އޭނާ މި ލަނޑުޖެހީ އޯވަހެޑް ކިކަކުންނެވެ.

އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން، އާޖެންޓީނާ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޕެރަގުއޭ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު، ނިކޮލަސް އޮޓަމެންޑީ އެވެ. އޮޓަމެންޑީ މި ލަނޑުޖެހީ އެ ޓީމުގެ މިޑްފީލްޑަރު، ރޮޑްރިގޯ ޑެ ޕޯލް ނެގި ކޯނަރެއްގެ އެހީގައެވެ.

މިދިޔަ ދުވަސްތަކުގައި އަނިޔާގެ ސަބަބުން ކްލަބު ލެވެލްގައި ގިނަ މެޗުތަކެއް ގެއްލުނު އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ވަނީ ފަހު ހާފުގައި ކުޅެން ނިކުމެ އެ ޓީމުގެ ލީޑް ފުޅާކޮށްދިނުމާ ގާތަށް ޖެހިލާފައެވެ. އެގޮތުން، މެޗުގެ އިތުރުވަގުތުގައި ލިބުނު ހިލޭޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ކޮލިފައިންގެ އިތުރު ނަތީޖާތަކަށް ބަލާއިރު، އުރުގުއޭއާ ކޮލަމްބިއާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ބޮލީވިއާ އަތުން ރަށުން ބޭރުގައި އެކުއޭޑޯ 2-1 އިން މޮޅުވިއިރު، ޕެރޫ އަތުން ޗިލީ މޮޅުވީ 2-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު