އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ, ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ސްޕެއިން އަތުން 2-0 އިން ބަލިވެ، ސްކޮޓްލެންޑުން އެ މުބާރާތުގައި ވާދަކުރުމަށް ދެކެމުން އަންނަ ހުވަފެންތަކަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ޔޫރަޕްގެ ކޮލިފައިން ގްރޫޕް އޭ ގެ އެއްވަނައިގައި އަދިވެސް އުޅެނީ ސްކޮޓްލެންޑް އެވެ. އެ ޓީމަށް ކުޅުނު ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އުޅޭ ސްޕެއިނަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިންވަނައިގައި ނޯވޭ އޮތީ ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ. ޖޯޖިއާ އޮތީ ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ފުލުގައި އޮތް ސައިޕްރަސް އަށް ޕޮއިންޓެއްނުލިބެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސްކޮޓްލެންޑްގެ ކެޕްޓަން އަދި ޑިފެންޑަރު، އެންޑީ ރޮބަޓްސަން އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކޮށްފައިވާއިރު އެ ޓީމުގެ ޑިފެންސްލައިނަށް މައްސަލަތައް ކުރިމަތިވީ އެ ހިސާބުން ފެށިގެންނެވެ.

ސްޕެއިނުން ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. އޭގެއިރުކޮޅެއް ކުރީން، ހިލޭޖެހުމަކުން ސްކޮޓްލެންޑުން ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ، އެ ބޯޅަ ފޮނުވާލި ވަގުތު ސްޕެއިނުގެ ގޯލްކީޕަރު، އުނާއި ސިމޯން އަށް ސްކޮޓްލެންޑްގެ ޖެކް ހެންޑްރީ ފައުލްކުރިކަމަށް ނިންމައިގެންނެވެ.

އޭގެފަހުން، ސްކޮޓްލެންޑްގެ ފޯވާޑް، ޗެ އެޑަމްސް އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އެޑަމްސް ފޮނުވާލި ބޯޅަ ސްޕެއިނުގެ ކީޕަރު، ސިމޯން ވަނީ މަތަކޮށްފައެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ސްޕެއިނުން ޖެހި ދެވަނަ ގޯލަކީ ސްކޮޓްލެންޑްގެ ޑިފެންޑަރު، ރަޔާން ޕޯޓިއުސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ އެ ޓީމުގެ އާރޮން ހައިކީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސްޕެއިނުގެ ކުޅުންތެރިން ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގައި ހިމެނޭ ނޯވޭ އިން ވަނީ ރޭ ރަށުން ބޭރުގައި ސައިޕްރަސް އަތުން 4-0 އިން ހޯދީ މޮޅާއެކު ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނީ އަލެކްސެންޑަ ސޯލޯތު އާއި ފްރެޑްރިކް އޯސްނެސް އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕް ޑީ ގައި ހިމެނޭ ކްރޮއޭޝިއާގެ ދަނޑުގައި އެ ޓީމު އަތުން ތުރްކިޔޭ މޮޅުވީ 1-0 އިންނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ލެޓްވިއާ ވަނީ 2-0 އިން އަރްމީނިއާ އަތުން މޮޅުވެފައެވެ. ގްރޫޕް އީ ގައި ހިމެނޭ އަލްބޭނިއާ އިން ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ. ފެރޯ އައިލެންޑްސް އަތުން ޕޮލެންޑް މޮޅުވީ 2-0 އިންނެވެ. ޔޫރަޕްގެ ކޮލިފައިން ގްރޫޕް އައި ގައި ހިމެނޭ އެންޑޯރާ އަތުން 3-0 އިން ކޮސޮވޯ މޮޅުވިއިރު، ބެލާރުސްއާ ރޫމޭނިއާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު