ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އަމިއްލަ ދަނޑުގައި އޮސްޓްރޭލިއާ އަތުން 1-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެއްޖެއެވެ.

ގިނަ ބަދަލުތަކާއެކު އިންގްލެންޑުން ނިކުތް ރޭގެ މެޗުގައި އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީފައެވެ. އެގޮތުން، އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އާއި އެއްވަނަ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ރޭގެ މެޗުގައި ނުކުޅެއެވެ. ރޭގެ މެޗުގައި އެ ޓީމު ގޯލް ބެލެހެއްޓީ ސޭމް ޖޯންސްޓޯންއެވެ. އެ ޓީމުގެ ކެޕްޓަންކަން ކުރީ ޖޯޑަން ހެންޑަސަންއެވެ. ފޯވާޑްލައިންގެ އެންމެ ކުރީގައި ކުޅުނީ އެސްޓަން ވިލާގެ ފޯވާޑް، އޮލީ ވަޓްކިންސް އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވަޓްކިންސްއެވެ. އޭނާ މި ލަނޑު ޖެހީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ވިންގް، ޖެކް ގްރީލިޝް ދިން ބޯޅައަކުންނެވެ. މި ގޯލަކީ އިންގްލެންޑްގެ ޖާޒީގައި ވަޓްކިންސް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަނެއްކޮޅުން ރޭގެ މެޗަކީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ފަހުން އިންގްލެންޑަށް ވަޓްކިންސް ކުޅުނު ފުރަތަމަ ފަހަރެވެ.

އިންގްލެންޑުން ރޭގެ މެޗުގައި ލީޑްނެގުމުގެ ކުރީން، ފުރަތަމަ ހާފުގައި ވަޓްކިންސް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ކީޕަރު، މެޓް ރަޔާން ކައިރިން ނައްޓާލުމަށްފަހު ވަޓްކިންސް ފޮނުވާލި ބޯޅަ ބޭރަށްދިޔައީ ގޯލްގެ ދަނޑީގައި ޖެހިފައެވެ.

ފުރަތަމަ ހާފުގައި އޮސްޓްރޭލިއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ރަޔާން ސްޓްރެއިން ފޮނުވާލި ބޯޅަ ލުވިސް ޑަންކް ވަނީ ސަލާމަތްކޮށްފައެވެ. އޭގެކުރީން، މެޗު ފެށިތާ ކުރީކޮޅު އެ ޓީމުގެ ކިއާނޫ ބަކޫސް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު، ޖޯންސްޓޯން ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި އޮސްޓްރޭލިއާ އަށް އެއްވަރުކޮށްދޭން ކޮނާ މެޓްކަލިފް އަށް ލިބުނު ފުރުސަތުގައި ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ކިޔުންތެރިންގެ ހިޔާލު