މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު މެޗުގައި ނެދަލެންޑްސް އިން 38 ލަނޑުގެ ތަފާތަކުން ދެކުނު އެފްރިކާ ބަލިކޮށްފިއެވެ.

މިއީ މިފަހަރުގެ މުބާރާތުގައި ދެކުނު އެފްރިކާ ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު ވަނީ ސްރީ ލަންކާ އާއި އޮސްޓްރޭލިއާ އަތުން މޮޅުވެފައެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސްގެ ފުރަތަމަ މޮޅެވެ. މީގެކުރީން، އެ ޓީމު ވަނީ ނިއު ޒީލެންޑާއި ޕާކިސްތާން އަތުން ބަލިވެފައެވެ.

މި ނަތީޖާއާއެކު ލީގު ތާވަލްގެ ކުރިއަށް ޖެހިލަން ދެކުނު އެފްރިކާ އަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ލީގު ބުރުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ކޮންމެ ޓީމެއް މިހާތަނަށް ތިން މެޗު ކުޅުނުއިރު، އެއްވަނައިގައި އުޅޭ އިންޑިއާ އާއި ދެވަނައިގައި އޮތް ނިއު ޒީލެންޑަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އިންޑިއާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. ތިނެއްގައި ދެކުނު އެފްރިކާ އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި އޮތް ޕާކިސްތާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ދެކުނު އެފްރިކާ އަށް ކުރިލިބެނީ ނެޓް ރަން ރޭޓުންނެވެ. ދެކުނު އެފްރިކާ އަތުން ހޯދި މޮޅާއެކު ނެދަލެންޑްސް އޮތީީ ދެ ޕޮއިންޓް ހަމަކޮށް، ފުލުން ދެވަނައިގައެވެ. އެންމެ ފުލުގައި އޮތް ސްރީ ލަންކާ އަށް ޕޮއިންޓެއް ނުލިބެއެވެ.

ވިއްސާރައިގެ ސަބަބުން 43 އޯވަރަށް ކުރުކޮށްގެން އިންޑިއާގެ ދަރަމްސާލާގައި އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ދެކުނު އެފްރިކާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ނެދަލެންޑްސް އިން ކުޅެން އަރައި، 43 އޯވަރުގެ ތެރޭގައި 8 ވިކެޓަށް 245 ލަނޑުހެދިއެވެ.

ނެދަލެންޑްސްގެ ކެޕްޓަން، ސްކޮޓް އެޑްވާޑްސް ބެޓްކުރަނީ. --ފޮޓޯ: އައިސިސީ / ގެޓީ އިމޭޖަސް

ނެދަލެންޑްސް އަށް އެންމެ ރަނގަޅަށް ކުޅުނު ކެޕްޓަން އަދި ވިކެޓްކީޕަރު ބެޓްސްމަން، ސްކޮޓް އެޑްވާޑްސް ވަނީ ނުބައިނުވެ 69 ބޯޅައިން 78 ލަނޑު ހަދައިފައެވެ. އޭނާގެ މި އިނިންގްސްގައި 10 ފަހަރު ހަތަރަކަށް، އެއް ފަހަރު ހަޔަކަށް ޖަހާފައިވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އެޑްވާޑްސް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ އާރްޔަން ދަތު އާއި ރޮލޮފް ވެން ޑަ މާރވް އެވެ. އާރްޔަން ނުބައިނުވެ 9 ބޯޅައިން 23 ލަނޑުހެދިއިރު، މި އިނިންގްސްގައި އޭނާ ވަނީ ތިން ފަހަރު ހަޔަކަށް ޖަހާފައެވެ. ވެން ޑަ މާވް ވަނީ 19 ބޯޅައިން 29 ލަނޑު ހަދައިފައެވެ. ދެކުނު އެފްރިކާގެ އުކުންތެރިންގެ ތެރެއިން، ލުންގީ އެންގިޑީ އާއި މާކޯ ޖެންސަން އަދި ކަގީސޯ ރަބާޑާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

ޖަވާބުގައި ކުޅެން އެރި ދެކުނު އެފްރިކާގެ ހުރިހާ ކުޅުންތެރިން 42.5 އޯވަރުގެ ތެރޭގައި ނުބައިވީ 207 ލަނޑަށެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޑޭވިޑް މިލާ އާއި ކޭޝަވް މަހަރާޖް އެވެ. މިލާ ވަނީ 52 ބޯޅައިން 43 ލަނޑު ހަދައިފައެވެ. ކޭޝަވް ވަނީ 37 ބޯޅައިން 40 ލަނޑު ހަދައިފައެވެ. ނެދަލެންޑްސް އިން އެންމެ ރަނގަޅަށް އުކި ލޯގަން ވެން ބީކް ތިން ވިކެޓްނެގިއިރު، ޕޯލް ވެން މީކެރެން އާއި ވެން ޑަ މާރވް އަދި ބާސް ޑެ ލީޑެ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި އަފްޣާނިސްތާން ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ.