މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި މިރޭ އިންޑިއާ އިން ބަންގްލަދޭޝް ހަތް ވިކެޓުން ބަލިކޮށްފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ޖެހިޖެހިގެން އިންޑިއާ މޮޅުވި ހަތަރުވަނަ މެޗެވެ. މިހާތަނަށް އައިއިރު މި މުބާރާތުގައި ސައްތައިން ސައްތައިގެ ރެކޯޑެއް އޮތީ ހަމައެކަނި އިންޑިއާ އާއި ނިއު ޒީލެންޑް އަތުގައެވެ.

މިރޭގެ ނަތީޖާއާއެކު ލީގު ބުރުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ދެ ޓީމު ކަމަށްވާ، ނިއު ޒީލެންޑާއި އިންޑިއާ އަށް ވަނީ ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައެވެ. ނިއު ޒީލެންޑަށް ކުރި ލިބެނީ ނެޓް ރަން ރޭޓުންނެވެ. ތިންވަނައިގައި ދެކުނު އެފްރިކާ އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ހަތަރެއްގައި އޮތް ޕާކިސްތާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ދެކުނު އެފްރިކާ ކުރީގަ އޮތީ ނެޓް ރަން ރޭޓުންނެވެ. އިންޑިއާ އަތުން ބަލިވި، ބަންގްލަދޭޝް އޮތީ ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކު ހަތްވަނައިގައެވެ.

ޕޫނާގައި ހުންނަ މަހަރާޝްތުރާ ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބަންގްލަދޭޝް އިން ގަސްދުކުރީ ކުޅެން އަރާށެވެ. ބަންގްލަދޭޝް އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 256 ލަނޑުހެދިއެވެ.

އިންޑިއާގެ ބެޓްސްމަން، ވިރާތު ކޯލީ ސައްތަ ހެދުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

ބަންގްލަދޭޝްގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ ލިޓަން ދާސް އާއި ތަންޒީދް ހަސަން އެވެ. ލިޓަން ވަނީ 82 ބޯޅައިން 66 ލަނޑު ހަދައިފައެވެ. ތަންޒީދް 43 ބޯޅައިން 51 ލަނޑު ހެދިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު މަހްމަދުﷲ ވަނީ 36 ބޯޅައިން 46 ލަނޑު ހަދައިފައެވެ.

މި އިނިންގްސްގައި އިންޑިއާގެ އުކުންތެރިން ކަމަށްވާ، ޖަސްޕްރީތު ބުމްރާ އާއި މުޙައްމަދު ސިރާޖް އަދި ރަވިންދުރަ ޖަދޭޖާ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. މީގެއިތުރުން، އެ ޓީމުގެ ޝާރްދުލް ތާކުރް އާއި ކުލްދީޕް ޔާދަވް ވިކެޓެއްނެގިއެވެ.

ޖަވާބުގައި އިންޑިއާ އިން ކުޅެން އަރައި، މެޗު ކާމިޔާބުކުރީ ބާކީ 51 ބޯޅަ އޮއްވާ، ތިން ވިކެޓަށް 261 ލަނޑު ހަދައިގެންނެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނު ކުރީގެ ކެޕްޓަން، ވިރާތު ކޯލީ ވަނީ ނުބައިނުވެ 97 ބޯޅައިން 103 ލަނޑު ހަދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ވިރާތެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޝުބްމަން ގިލް 55 ބޯޅައިން 53 ލަނޑު ހެދިއިރު، އެ ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ ނުބައިވީ 48 ލަނޑަށެވެ. މި އިނިންގްސްގައި ބަންގްލަދޭޝްގެ މެހިދީ ހަސަން މިރާޒް ދެ ވިކެޓްނެގިއިރު، ހަސަން މަހްމޫދް ވިކެޓެއްނެގިއެވެ.

އިންޑިއާ އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ނިއު ޒީލެންޑާ ބައްދަލުކުރާ މެޗެވެ. ބަންގްލަދޭޝް ދެން ކުޅޭ މެޗުގައި މި މަހުގެ 24 ވާ އަންގާރަ ދުވަހު ނިކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ޕާކިސްތާން ބައްދަލުކުރާނީ އޮސްޓްރޭލިއާ އާ އެވެ.