މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އަންނަ އާދީއްތަ ދުވަހު ނިއު ޒީލެންޑާ ދެކޮޅަށް އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އެ ޓީމުގެ ވައިސް ކެޕްޓަން އަދި އޯލްރައުންޑަރު، ހާޑިކް ޕާންޑްޔާ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ބޯޑް އޮފް ކޮންޓްރޯލް ފޯރ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ބުނެފިއެވެ.

ޕާންޑްޔާ، 30، ގެ ވާތު ފައިގެ ކުޑަހުޅަށް އަނިޔާވީ، ލީގު ބުރުގައި އިއްޔެ ޕޫނޭގައި ބަންގްލަދޭޝްއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި އޭނާގެ އުކުމުގައި ފައިން ބޯޅައެއް ހުއްޓުވަން އުޅެނިކޮށެވެ.

"އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އޯލްރައުންޑަރު ވަނީ ސްކޭންތަކެއް ހަދާފަ. މެޑިކަލް ޓީމުން ލަފާދީފައިވަނީ އަރާމުކުރަން ވަގުތުދޭން،" ބީސީސީއައިގެ ސެކްރެޓަރީ، ޖޭ ޝާހް ނެރުނު ބަޔާނެއްގައިވެއެވެ.

ޝާހް އިތުރަށް ބުނީ، ޕާންޑްޔާގެ ރިކަވަރީގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބީސީސީއައިގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުން ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް އިންޑިއާ އިން މިހާތަނަށް ލީގު ބުރުގައި ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އޮތްއިރު، ޕާންޑްޔާ ވަނީ ފުރަތަމަ ތިން މެޗުގައި ފަސް ވިކެޓްނަގައިފައެވެ.

ނިންމާލަމުން ޝާހް ބުނީ، އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން، އިންގްލެންޑާ ދެކޮޅަށް މި މަހުގެ 29 ވާ އާދީއްތަ ދުވަހު އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ޕާންޑްޔާ، ޓީމާ ގުޅޭނެ ކަމަށެވެ.