ބުންޑެސްލީގާގައި ރޭ އަމިއްލަ ދަނޑުގައި ޔޫނިއަން ބާލިން 0-4 އިން ބަލިކޮށް، ބަޔާ ލެވަކޫސަން އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި އެ ޓީމުން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއްނުވެއެވެ.

ރޭގެ މެޗަށް ލެވަކޫސަން ނިކުތްއިރު، އެ ޓީމު އޮތީ ދެވަނައިގައެވެ. އެއީ، މިދިޔަ ހޮނިހިރު ދުވަހު ބަޔާން މިއުނިކުން 4-2 ގެ ނަތީޖާއަކުން އެފްސީ ހެއިޑެންހައިމް ބަލިކޮށް، 11 މެޗުން 29 ޕޮއިންޓް ހަމަކޮށް އެއްވަނަ އަށް އެރުމުންނެވެ. ލެވަކޫސަނުން ރޭގެ މެޗު ކާމިޔާބުކޮށް، 11 މެޗުން 31 ޕޮއިންޓް ހޯދާފައިވާއިރު، ތިނެއްގައި އޮތް ވީއެފްބީ ސްޓުޓްގާޓަށް ލިބިފައިވަނީ 11 މެޗުން 24 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ހަތަރެއްގައި އޮތީ އާރްބީ ލީޕްޒިގެވެ.

ލެވަކޫސަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ އަލެކްސް ގްރިމާލްޑޯ އެވެ. މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު، 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮޑިލޯން ކޮސޫނޫ އެވެ. އަދި އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި ގްރިމާލްޑޯ ދިން ބޯޅައަކުން ޖޮނަތަން ޓާ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް، ލެވަކޫސަންގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ނޭތަން ޓެޔާ އެވެ. މިއީ އަވަސް އެޓޭކެއްގައި އަމީން އަޑްލީ އާއި ޓެޔާ ގުޅިގެން އުފެއްދި އެޓޭކަކުން ކާމިޔާބުކުރި ގޯލެކެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުތީ ފަހު ހާފުގައެވެ.

މިއީ ލީގުގައި ޔޫނިއަން ބާލިން ޖެހިޖެހިގެން ބަލިވި ނުވަ ވަނަ މެޗެވެ. މިއާއެކު، އެ ޓީމު އޮތީ ހަ ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވާޑާ ބްރޭމަންގެ ދަނޑުގައި 2-2 އިން އެއިންޓްރަކްޓް ފްރޭންކްފާޓް ވަނީ އެއްވަރުވެފައެވެ. ލީޕްޒިގުން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ފްރެއިބާގް ބަލިކޮށްފައެވެ.