މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއްފަހަރާ ގިނަ ފަރާތްތަކަކަށް ޖަމާކުރަންޖެހޭ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފަރ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަރނެޓް ބޭންކިންގ އަށް ބަދަލު ގެނެސް ބަލްކް ޕޭމަންޓްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓްތަކަށް އޮޓޮމެޓިކްކޮށް ބަލްކް ޕޭމަންޓް ހެދޭނެއެވެ.

އަލަށް ތައާރަފްކުރި މި ހިދުމަތާ ގުޅޭ ގޮތުން، ބޭންކުގެ ކޯޕަރޭޓް ބޭންކިންގ ޑައިރެކްޓަރ އަހުމަދު އަސީފް ވިދާޅުވީ މެނުއަލް ޕްރޮސެސްތައް ދޫކޮށްލާ، އެއްފަހަރާ ގިނަ ޓްރާންސްފަރ ކުރުމަކީ ވިޔަފާރިތަކަށް އޮޓޮމެޓިކްކޮށް ހޯދޭ ހިދުމަތަކަށް ބަދަލުކޮށްލެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"މިބަދަލާއެކު، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކި ބާވަތުގެ ބަލްކް ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެ.".

​އޭނާ ވިދާޅާވީ، ޑިޖިޓަލައިޒް ކުރުމަކީސްޓްރެޓަޖީގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި ބޭންކިންގ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާ ފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަމަށް ވިދާޅުވިއެވެ.

"މި ބޭންކަކީ ރާއްޖެއަށް ވަރަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފްކުރި ބޭންކެއް. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާރޓްނަރުންނާއެކު އަޅުގަނޑުމެން މަސައްކަތްކުރަމުން ދާނަން."

އިންޓަރނެޓް ބޭންކިންގ ބޭނުންކުރަމުންދާ ވިޔަފާރިތަކުން މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހިލޭ ލިބޭ މި ހިދުމަތަށް ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެއެވެ.