މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު އިތުރުވެ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން އޮކްޓޫބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 20 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދިވެހިރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ އޮކްޓޫބަރު މަހު މި ޢަދަދު ވަނީ 3.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 17 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 16 އިންސައްތަ އަދި ޗައިނާއިން 13 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ހުސްވި އޮކްޓޫބަރު މަހު 6.5 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިއަހަރުގެ އޮކްޓޫބަރު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 280.9 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބިފައިވަނީ 263.8 މިލިއަން ރުފިޔާ އެވެ.

އިމްޕޯޓާއި އާމްދަނީ އިތުރުވި ނަމަވެސް ފާއިތުވި އޮކްޓޫބަރު މަހު ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 އޮކްޓޫބަރު މަހާ އަޅާބަލާއިރު 37 އިންސައްތަ ވަނީ ދަށްވެފައެވެ. 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 409.1 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 257.1 މިލިއަން ރުފިޔާއެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޮކްޓޫބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 19.8 އިންސައްތަ އިންގިރޭސި ވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް 15.5 އިން ސައްތަ، ޖަރުމަން ވިލާތަށް 14.2 އިންސައްތަ އަދި ސްރީ ލަންކާއަށް 10.2 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.