ތިލަފުށީގައި ސަރުކާރުން ތަރައްޤީ ކުރަން ބޭނުންވާ ވިޔަފާރި ބަނދަރުގެ މާސްޓާ ޕްލޭނާއި ޑިޒައިން ތައްޔާރުކޮށްދީ އެމަޝްރޫޢުއަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށް ގެންދާ ތިލަފުށީ އިންޓަނޭޝަނަލް ޕޯޓް މަޝްރޫޢުގެ މާސްޓާ ޕްލޭނާއި ޑިޒައިން ތައްޔާރުކޮށްދީ އެމަޝްރޫޢުއަށް ކޮންސަލްޓެންސީ ދޭނެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަން ދިން މުއްދަތު މާޗް މަހުގެ 07 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިމަޝްރޫޢުއަށް ބައިނަލްއަޤުވާމީ ކުންފުނިތަކުން ކުރިމަތިލުމަށް އެދިފައެވެ. ސަރުކާރުން އެންމެ ބޮޑަށް ބޭނުން ވަނީ ދިވެހި ކުންފުންޏަކާއި ގުޅިގެން ބައިނަލްއަޤުވާމީ ކުންފުންޏަކުން މިމަޝްރޫޢުއަށް ކުރިމަތިލުމަށް ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ޖެހޭނެއެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން(ކިއު.ސީ.ބީ.އެސް) އުޞޫލުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ ފާއިތުވި އަހަރުތަކުގައި ކޮންމެ ސަރުކާރަކުން ވެސް ކުރިއަށް ގެންދަން ބޭނުންވި މަޝްރޫޢުއެކެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އޮތީ ނުގެނެވިފައެވެ.

ތިލަފުއްޓަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ މިސަރުކާރުން މިހާތަނަށް އިއުލާން ކުރި ހަމައެކަނި ބޮޑު މަޝްރޫޢުއެވެ. އެމަޝްރޫޢު ކުރިއަށް ގެންދާނީ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ކަމަށް ސަރުކާރުން ބުނެފައި ވުމުން ބެލެވޭ ގޮތުގައި މިއަހަރު އެމަޝްރޫޢުގެ މަސައްކަތެއް ނުފެށޭނެއެވެ. އެއީ މިއަހަރު ދައުލަތުގެ ބަޖެޓްގައި އެމަޝްރޫޢު ހިމަނާފައި ނުވާތީ އެވެ.

ތިލަފުށީގައި ބަނދަރެއް ތަރައްޤީ ކުރަން އިއުލާން ކޮށްފައި ވާއިރު މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ގިނަ ދަތިތަކެއް ދަނީ ދިމާވަމުންނެވެ.