ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ފަތުރުވެރިކަން ތަރައްގީކޮށްފައިވާ ރަށްތަކަށް އެވޯޑް ދީފިއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ހަފުލާއެއްގައި މި އެވޯޑުތައް ހަވާލުކޮށް ދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ އިތުރުން އެމްއެމްޕީއާރުސީގެ ޑިރެކްޓަރު ފާތުމަތު ރާހިލް އެވެ.

އެވޯޑު ދީފައިވަނީ 9 ކެޓަގަރީއަކުންނެވެ. އެއީ

  1. ލީޑިން ފެމެލީ ހޮލިޑޭ އައިލެންޑް - ކ. ތުލުސްދޫ
  2. ލީޑިން އިކޯ އައިލެންޑް - ބ. މާޅޮސްގެ
  3. ލީޑިން ޑައިވިން އެންޑް ވޯޓާ ސްޕޯޓްސް އެޑްވެންޗާ އައިލެންޑް - އއ. ރަސްދޫގެ
  4. ލީޑިން ބިޒްނަސް އައިލެންޑް - އއ. އުކުޅަސް
  5. ލީޑިން ފިޝިން އައިލެންޑް - ވ. ކެޔޮދޫ
  6. ލީޑިން ކަނެކްޓިވިޓީ އައިލެންޑް - ކ. މާފުށި
  7. ލީޑިން ބީޗް އައިލެންޑްގެ - ހުޅުމާލެ
  8. ލީޑިން އޮތެންޓިކް ނޭޗާ އައިލެންޑް - ބ. ފެހެންދޫ
  9. ލީޑިން ފުޑް އެންޑް ބެވަރޭޖް އައިލެންޑް - އއ. ތޮއްޑޫ

މި ޝަރަފުވެރި އެވޯޑް މުޅިއެކު ނުވަ ރަށަކަށް ލިބިފައި ވާއިރު މި އެވޯޑްގެ މަގްސަދަކީ ޓޫރިސަމްގެ ދާއިރާއިން ގެސްޓް ހައުސްގެ ވިޔަފާރި ރާއްޖެތެރޭގައި ފުޅާ ކުރުމެވެ.

ޓޫރިޒަމް ދާއިރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 546 ގެސްޓް ހައުސްއެއްގައި މިހާރު 8,989 އެނދު އެބަހުއްޓެވެ. އަދި ޓޫރިޒަމަކީ ރާއްޖެއަށް އެންމެ މަންފާ ލިބޭ ދާއިރާ ކަމަށް ވާއިރު ގެސްޓްހައުސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ނިމި ދިޔަ ޖުލައި މަހުވެސް 1.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.