މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް އޮންލައިންކޮށް ވިޔަފާރިކޮށްގެން 20،000 ރުފިޔާ ހޯދުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އެންމެން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުންދާ އިރު، އެމްއައިބީން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ "ސްޓޭ ހޯމް" ގެ ނަމުގައެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން އެންމެ ގިނައިން އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ "ފައިސާ ޕޭ" އާއި "ފައިސާ މޯބައިލް" އަދި "ފައިސާ ކާޑު" ގެ އިތުރުން "ފައިސާ ނެޓު" މެދުވެރިކޮށް ފަސް ޓްރާންސެކްޝަނެއް ހެދުމުންނެވެ.

އެމްއައިބީ އިން ބުނީ މި ޕްރޮމޯޝަނުގައި ހަމައެކަނި ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ އެއްވަނަ އަށް ހޮވޭ ފަރާތަކަށް ނޫން ކަމަށާއި، މި ޕްރޮމޯޝަނުގައި އިތުރު ފަސް ކަސްޓަމަރުން ހޮވައި އެއިން ކޮންމެ ކަސްޓަމަރަކަށް 500 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބޭންކުގެ އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން 250 ރުފިޔާ އަށްވުރެ ގިނައިން ކުރާ ކޮންމެ ޓްރާންސެކްޝަނެއްގެ ދެއިންސައްތަ އަނބުރާ ލިބޭ ވިޔަފާރިއެއް ވެސް ފަށާފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީގެ އޮންލައިން ބޭންކިން މެދުވެރިކޮށް ވިޔަފާރި ކުރެވޭ ފިހާރަތަކުގެ ލިސްޓު މިހާރު އެ ބޭންކުން ވަނީ އާންމުކޮށްފައެވެ.