ލިޓަސް އަކީ ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ސައިކަލުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމުގައި ވާއިރު، އެ ކުންފުނިން މިވަނީ ހުރިހާ ސްޓާފުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް "އެމްއައިބީ" ގެ ހިއްސާ ގަނެދީފައެވެ.

އިސްލާމިކް ބޭންކުން ހިއްސާ ވިއްކަން އިއުލާން ކުރުމާއި ގުޅިގެން އެތައް ފަރާތަކުން ހިއްސާ ގަންނަމުން އަންނަ މި ދަނޑިވަޅުގައި ބެލެވޭ ގޮތުގައި މިއީ ރާއްޖޭގެ ކުންފުންޏަކުން އެމީހުންގެ މުވައްޒަފުންނަށް އިސްލާމިކް ބޭންކުގެ ހިއްސާތައް ގަނެދިން ފުރަތަމަ ފަހަރެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މިއީ އެމީހުންގެ ސްޓާފުންގެ މުސްތަގުބަލު ބިނާ ކޮށްދިނުމަށާއި، ރާއްޖޭގެ ސްޓޮކް މާކެޓަށް އަހުލުވެރި ކުރުވައި، އެކަމުން އެމީހުންނަށް ލިބޭ ފައިދާތަކަށް ލޯ ހުޅުވައި ދިނުމުގެ ގޮތުން ކުރި ކަމެކެވެ.

" މި ކުންފުނީގެ ހުރިހާ މެމްބަރުންނަކީވެސް ފުއްދުންތެރި ދިރިއުޅުމެއް އުޅޭނެ ބަޔަކަށް ހެދުން އެއީ މި ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު" ލިޓަސްގެ މާކެޓިން މެނޭޖާ، އަހުމަދު އާސިފް ރަޝީދު ވިދާޅުވިއެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތް ކުރާ ލިޓަސްގެ ހުރިހާ ދިވެހި މުވައްޒަފުންނަށް އެމްއައިބީގެ ހިއްސާ ގަނެދީފައި ވާއިރު، ކުރިއަށް އޮތް ތަނުގައި އެ ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށްވެސް ރާއްޖޭގެ ހިއްސާ ބާޒާރުން ހިއްސާ ގަނެދޭނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިބިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ހިއްސާ ވިއްކަން ފަށާފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ފުރުސަތު މި މަހުގެ 18ވަނަ ދުވަހަށް ވަނީ ހުޅުވާލާފައެވެ.