ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން އިއްޔެ ހުޅުވިއިރު ރާއްޖެ އައިސްފައި ވަނީ 104 ފަތުރުވެރިންކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް 27 ގައެވެ.

ހަތަރު މަހެއްހާ ދުވަސް ފަހުން ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު، ފުރަތަމަ ފްލައިޓްގައި އެކަނި ރާއްޖެއަށް 128 މީހަކު އައެވެ. އެއީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ.

އިއްޔެ އިތުރު ފްލައިޓްތައްވެސް ރާއްޖެ ޖައްސާފައި ވެއެވެ. މި ފްލައިޓްތަކުން ރާއްޖެއަށް 212 މީހަކު އައެެވެ. މީގެ ތެރެއިން 38 މީހުންނަކީ ދިވެހިންނެވެ. އަދި 104 ފަތުރުވެރިންނާއި، ރާއްޖޭގައި މަސައްކަތް ކުރަން އައި އެހެން ގައުމުތަކަށް ނިސްބަތްވާ 65 މީހަކާއި، އިތުރު ފަސް މީހަކު ހިމެނެއެވެ.

އިއްޔެ ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ތުރުކީން އައި ފަތުރުވެރިންނެވެ. އެ ގައުމުން އެކަނި 14 ފަތުރުވެރިއަކު ރާއްޖެ އައެވެ. މީގެ އިތުރުން، އެމެރިކާއިން 12 ފަތުރުވެރިއަކާއި، ނެދާލޭންޑުން ނުވަ ފަތުރުވެރިއަކާއި، ޖަރިމަން ވިލަތުން އަށް ފަތުރުވެރިއެއްގެ އިތުރުން، ސްވިޒަލޭންޑުން ހަތް ފަތުރުވެެރިއަކު އައިސްފައި ވެއެވެ. އަދި މީގެ އިތުރުން، އިތުރު ގައުމުތަކުނެ 54 ފަތުރުވެރިއަކު އިއްޔެ ރާއްޖެ އައިސްފައި ވެއެވެ.

މީގެން ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެ އުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނައްސިވެފައިވާ ނަތީޖާ އިމިގްރޭޝަނަށް ދައްކަން ޖެހެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓުކުރާނީ ހަމައެކަނި އަލާމާތްތައް ހުންނަ ފަތުރުވެރިން އެކަންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރައީސް ބުއްޅަހުއްތު ނުބަލާނެ ރައްޔިތުންގެ ސަލާމަތަށް. އެމެރިކާއަކީ ދުނިޔެއިން ނިސްބަތުން ކޮވިޑްގެ ވަބާ އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު. އެގައުމުން ޓެސްޓު ކޮއްގެން އަޔަސް އެ ގައުމުގެ އެއަރޕޯޓް އިން އެމީހަކަށް ވައިރަސް އަރައި އެމީހެއްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން އިތުރު ވާނީ މަދު ޑޮލަރު ކޮޅުގެ ބަދަލުގައި