ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ ފަރާތްތަކަށް ދެވޭ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި މިފަހަރުވެސް ސްރީލަންކަން އެއާލައިންސް ދެ ކެޓަގަރީއަކުން ނޮމިނޭޓްވެއްޖެއެވެ.
މިފަހަރުވެސް ސްރީލަަންކަން އެއާލައިންސް ނޮމިނޭޓްވެފައި ވަނީ މިދިޔަ އަހަރު އެވޯޑް ލިބުނު ދެ ކެޓަގަރީންނެވެ. އެއީ ސައުތް އޭޝީޔާގެ ލީޑިންގ އިންޓަނޭޝަނަލް އެއާލައިން ކެޓަގަރީންނާއި، ސައުތް އޭޝިޔާގެ ލީޑިންގ އިންޓަނޭޝަނަލް އެއާލައިން ކްލާސް ކެޓަގަރިންނެެވެ.
މި ނޮމިނޭޝަންތަކަށް ވޯޓުލުން މިހާރުވެސް ކުރިއަށް އެބަދެއެވެ. ސަޓާގެ ވެބްސައިޓުގައިވާ އޮންލައިން ވޯޓިން ޕޯޓަލް މެދުވެރިކޮށް ވޯޓުލުން ކުރިއަށްގެންދަންވީއެވެ. ވޯޓު ދިނުން ހުޅުވާފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ. ކޮންމެ އީމެއިލްއަކުންވެސް 10 ވޯޓު ސަބްމިޓް ކުރެވޭނެއެވެ.
އަންނަ ސެޕްޓެމްބަރު މަހު މުމްބާއީގައި ބާއްވާ ސަޓާ އެވޯޑްސްއަށް 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޝަން ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގެ އިތުރުން ބޫޓާންގެ ބޮޑެތި ހޮޓެލް ބްރޭންޑުތައް ހިމެނެއެވެ.
އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ދޭ ސަޓާ އެވޯޑަކީ ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އެވޯޑެކެވެ.