އެޕަލް އިން އެންމެ ފަހުން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 12 ނެރުނުތާ ދެ ދުވަސް ފަހުން ބެސްޓް ބައި މޯބައިލްއިން ފޯންތައް ވިއްކަން ފަށައިފިއެވެ.

އެޕަލްގެ އެންމެ ފަހުގެ ފޯންތައް ދައްކާލާފައި ވަނީ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އަދި ފޯންތައް ނެރެފައި މި ވަނީ އޮކްޓޯބަރު 23 ވަނަ ދުވަހު އެވެ.

އެޕަލްގެ އާ ފޯންތައް ރާއްޖެއަށް އެންމެ ފުރަތަމަ ގެނައި ކުންފުނިތަކުގެ ތެރޭގައި ބެސްޓް ބައި މޯބައިލް ހިމެނޭނެއެވެ. ބެސްޓް ބައި މޯބައިލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އެޕަލް ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ކުންފުނި ކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ކުންފުނިން ބުނީ، އެ ކުންފުނީގެ ދެ ފިހާރައިންވެސް މިހާރު އެޕަލްގެ އެންމެ ފަހުގެ ފޯންތައް ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި އައިފޯން 12 އާއި 12 ޕްރޯ ހިމެނެއެވެ. އަދި މި ފޯންތަކުގެ ހުރިހާ ކުލައެއް އެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުންނާނީ މާވެޔޮމަގުގައި ހުންނަ ފަތަހަ މޯލްގެ ގޯޅީގައެވެ. ދެވަނަ ފިހާރަ ހުންނާނީ މަޖީދީ މަގުގައި ހުންނަ މާފަންނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރޭންޗް "ކުރީގެ ސްޓާ ސިނަމާ" ކުރިމަތީގައެވެ.

އެޕަލްގެ އިތުރުން އެންމެ ފަހުގެ ފޯންތައް ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލްގެ އޮފިޝަލަކު ވިދާޅުވީ، ފަހަކަށް އައިސް ފޯނުތަކުގެ އަގު ބޮޑުވެގެން އުޅެނީ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުންނާއި، ޑޮލަރުތައް ލިބުމުގައި އައި ދަތިކަމުގެ ސަބަބުން ކަމަށެވެ.

އެ ކުންފުނިން އަލަށް މި ނެރުނު ފޯންތައްވެސް އިންސްޓޯލްމެންޓް މެދުވެރިކޮށް އެ ކުންފުނިން ދޫކުރަމުން ދާނެ އެވެ.