މޯލްޑިވްސް ގޭސްގެ ފަރާތުންހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ މާލެ ސަރަހައްދު ފިޔަވާ، ރާއްޖެ ތެރޭ ރަށެއްގައި އޮކްސިޖަން ޕްލާންޓެއް ބަހައްޓާ ފުރަތަމަ ޕްލާންޓެވެ. މާލެ ސަރަހައްދުގެ އޮކްސިޖަން ޕްލާންޓް ބަހައްޓާފައި ހުންނަނީ ތިލަފުށީގައެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގައި އޮކްސިޖަން ޕްލާންޓެއް ބެހެއްޓުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ވަނީ ސާމާނުތައް ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.

ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ސާމާނުތައް މިހާެރު ވަނީ ކުޅުދުފުއްޓަށް ގެންގޮސްފައި

މޯލްޑިވް ގޭސްގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މުހައްމަދު ނިހާދު ވިދާޅުވީ، ކުޅުދުއްފުށީގައި އިންސްޓޯލް ކުރުމަށް ގެނައި އޮކްސިޖަން ޕްލޭންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މި މަހުގެ 10 ވަނަ ދުވަހު ނިމޭނެ ކަމަށެވެ. އަދި މި މަސް ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

މިއީ ސަރުކާރުން އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ފަށާއިފައިވާ މަސައްކަތްތުގެ ތެރެއިން ބައެކެވެ. ސަރުކާރުން ބޭނުންވަނީ މާލެ އަށް ނުގޮސް ރަށްރަށުން، ރައްޔިތުން ބޭނުންވާ ސިއްހީ ފަރުވާ ދެވޭނެ ގޮތްތައް ހަމަޖެއްސުމަށެވެ.

މީގެ އިތުރުން ނިހާދު ވިދާޅުވީ، ގދ. ތިނަދޫގައި ގާއިމް ކުރާ އެލްޕީޖީ ކައްކާ ގޭސް ޕްލޭންޓާއި، ސްޓޯރޭޖް ޓޭންކްގެ ގާއިމް ކުރުމުގެ މަސައްކަތް ކޮވިޑް-19 އާ ހެދި ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށައިގަންނަން ތައްޔާރުވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ހޮސްޕިޓަލް

    އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް މެޑްޓެކް މޯލްޑިވްސް އިން އިންސްޓޯލްކޮށް ބޭނުންކުރަމުން ދާތާ 11 މަސް ދުވަސް ވެއްޖެ.