ފަތުރުވެރިކަމުގެ ރަންޔޫބީލް އެންމެ ފުރިހަމާއި އެކު ފާހަގަ ކުރެވޭނީ މުވައްޒަފުންނަށް ހިނިތުންވުން ލިބިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެޑައިގެން މައުސޫމް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާ އަހަރަށްވާތީވެ، ފަތުރުވެރިކަމުގެ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް "ރަންޔޫބިލްއަކަށް ރަންޔޫބީލް ވާނީ" މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަންނަ އަހަރު ފަތުރުވެރިކަމުގެ ރަން އަހަރަކަށް ވާނީ މުވައްޒަފުންނަށް ހިނިތުންވުން ލިބިގެން. އެހެންވީމާ އެ ދިމާއަށް އަޅުގަނޑުމެންގެ ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދާނަން" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި އަންނަ އަހަރު ވެގެން ދާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މޫނުތަކަށް އުޖާލާކަން ގެނެސްދޭނެ އަހަރަކަށެވެ. އެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ އަސާސީ ތަމްރީނުތަކުން ފެށިގެން ނަތީ ލެވެލްތަކުގެ ތަމްރީނުތައް ދޭނެ ކަމަށް މިިނިސްޓަރު މައުސޫމް ވިދާޅުވެފައެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ އަންނަ އަހަރަށް އަޅާއިރު ފަތުރުވެރިކަމުގެ ސިނާޔަތަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަމުގެ ސިނާޔަތް "ހިނގާގަނެވޭނެ" ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެހާސްބާވީސް ވަނަ އަހަރަށް އަޅުގަނޑުމެން މަރުހަބާ ކިޔަން ވާއިރަށް މި ހުރިހާ ވިޔަފާރީތަކެއް ހިނގާގަންނަން އެބަ ޖެހޭ. މުވައްޒަފުންނަށް އިތުރު ކުރިއެރުންވެސް ލިބެން ޖެހޭ. އެމަސައްކަތް މިދަނީ އަޅުގަނޑުމެން ކުރަމުން."

ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ކުރިއެރުން ލިބެން އޮތީ މި ސިނާޔަތަށް އިތުރަށް އިންވެސްކޮށް، ކަމަށާއި، އިތުރަށް ތަންތަން ހުޅުވައިގެން ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި އަމާޒަކީ މިގޮތަށް ގިނަ ތަންތަން ހުޅުުވާ، ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަހަރު ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަހަރުގެ ފުރަތަމަ 5 ދުވަހަށް ބަލާއިރުވެސް ޖުމްލަ ގޮތެއްގައި ރަނގަޅުކަން ފާހަގަކުރައްވާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް "ތިންހާހެއްހާ" ފަތުރުވެެރިން ރާއްޖެއަށް ޒިޔާރާތް ކުރާ ކަމަށެވެ.

އަންނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަނގަކުރަން ސަރުކާރުން ތައްޔާރުވަމުން ދާއިރު މި އަހަރު ވެގެން ދާނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް ކުރެވިގެން ދާނެ އަހަރަކަށް ކަމަށް މިނިސްޓަަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ރިސޯޓް ބޯއީ

  ހިނިތުންކުރުވަނީ ކިހިނެއްތޯ؟ މިނިސްޓްރީގެ ފަރާތުން ރިސޯޓްތަކަށް އިނިސްޕެކްޝަނައްދާ މީހުން ރިސޯޓް އޯނަރުން، ޖެނެރަލް މެނޭޖަރުންނާއެކު އަގުބޮޑު އެއްޗެތިކާލައިގެން އަރާމްކޮޓަރީގަ ނިދާލާފަ އެމީހުންދޭ ރިސްވަތުގެ ލާރިކޮޅުނަގައިގެން އަންނައިރު ރިޕޯޓްގައިހުންނަނީ ހުރިހާކަމެއް ބަރާބަރުކަމައްޖަހާފަ. ބައެއްރިސޯޓްތަކުގައި ސުޓާފުންގެ ކެއުމުގެ ކަންތައްހުންނަނީ ޖަނަވާރުންނަށް ކާންދޭއުސޫލައްވުރެވެސް ދައްކޮށް، މުސާރަ އެހާކުޑަ، ލިބޭ ސާވިސް ޗާޖް ކޮޅުވެސް ރަނގަޅައްނުދޭ. އެކައުންޓްގަ މުޅިންތިބެނީ ބޭރުމީހުން، އެމީހުން ރާއްޖޭގަ ދެއަހަރުކޮށްލާއިރު ބޮޑެތި މަހުޖަނުންނަ އެބަވޭ،
  މިނިސްޓްރީއިން ރިސޯޓްތައް އިނިސްޕެކުޝަންއަށް މިސްޓްރީ ގެސްޓުންގެ ގޮތުގައި ނުވަތަ ސްޓާފުންގެ ގޮތުގަ ރިސޯޓްތަކަށް ސީކުރެޓް އެޖެންޓުންފޮނުވައިގެންނޫނީ މިކަމެއްހައްލެއްނުކުރެވޭނެ.
  މިހާރުގެ ހަޤީގަތަކީ ރިސޯޓްތަކުގަ ބޭރުމީހުންގެ ބާރުވަރައްގަދަ، ދިވެހިންވެސް މިޖެހެނީ އެމީހުންގެ ކައިރީ އާދޭސްކޮށްގެން ވަޒީފާއެއްހޯދަން.
  ޤާނޫނު އިސްލާހުކުރަންވީ، ތައިލެންޑު، ސުރީލަންކާ ތަންތަނުގަ ޤައުމުންބޭރުމީހަކަށް ހުރެވޭނީ ހަމައެކަނި ޖެނެރަލް މެނޭޖާރ ނޫނީ ލެންގުއޭޖު ސުޕެސެލިސްޓަކަށް އެކަނި
  ޤާނޫނު އިސްލާހުކޮށް މަތީމަޤާމުތަކުގައިބި ބޭރުމީހުންނަށް 3އަހަރުދޭންވީ އެމީހުން އެމަޤާމައް ދިވެއްސަކު ތަމުރީނުކުރަން، ތިންއަހަރުފަހުން އޭނަޖެހޭނީދާން، ދެންއެމަޤާމައް އަންނާނީ ޓުރެއިންކުރި ދިވެހިމީހާ، މިގްތައް ކަންތައްކުރަމުންގޮސް، ރިސޯޓްތަކުގެ މަތީމަޤާމްތައް ދިވެހިންނަށްދެވޭނެ، މިހާރުވެސް ބައެއްރިސޯޓްތަކުގަ ދިވެހިން މާކޮލެޓީ ބޭރުމީހުންނަށްވުރެ، އެކަމު ރިސޯޓް އޯނަރު ނޫނީ ޖެނެރަލް މެނޭޖަރ ބޭނުންގޮތައް ކަޓްތަކާ ވައްކަންނުކުރެވޭނެތީ ދިވެހިންނަށް އިސްމަޤާމްތައްނުދެނީ.

  18