މި އަހަރުގެ ޖެނުއަރީ މަހުގައި މީރާއަށް 1.79 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނުއާމްދަނީއަށްވުރެ 1.2% ދަށް އަދަދެއް ކަމަށެވެ.

މީރާ އިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްވުރެ މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުން ކަމަށެވެ.

މިގޮތުން، ގްރީން ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ކަމަށް މީރާ އިން ބުންޏެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިޤްތިސާދު މިހާރު ރަނގަޅުވަމުން ދާތީ، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަ ކަމަށް މީރާއިން ފާހަގަކުރިއެވެ.

މިދިޔަ ޖެނުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 43.4% ނުވަތަ 777.46 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ %41.0 ނުވަތަ 734.60 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 57.35މިލިއަން ރުފިޔާ (3.2%)، ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ (2.9%)، ބީ.ޕީ.ޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާ (2.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 123.35 މިލިއަން ރުފިޔާ (6.9%) ހިމެނެއެވެ.

ޖަނަވަރީ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.01 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.