ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލުމަށް ގިނަ ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުންނެވެ. އޭގެ ތެރެއިން މީޑިއާގެ ސަމާލު ކަމަށް އަންނަނީ ގިނަ ބަޔަކު ދަންނަ މަޝްހޫރު ފިލްމީ ތަރިން ނުވަތަ އެނޫންވެސް މަޝްހޫރު ބައެއް މީހުންނެވެ. އިތުރު ފަތުރުވެރިން މީޑީއާގެ ސަމާލު ކަމަށް އައުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

އެގޮތުން މިފަހަރު މީޑިއާގެ ސަމާލު ކަމަށް އައިސްފައިވަނީ ރާއްޖޭއަށް ލިބިފައިވާ ރީތި ކަމުގެ ސަބަބުން ޗުއްޓީ ހޭދަ ކުރުމަށް 60 ވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތް ކުރި ފްރާންސްގެ ދެމަފިރިންނަށެވެ.

ސާޖް ޑިސޯ (މިސްޓަ ބީން) އާއި ޖޮސެލް ޑިސޯ ރާއްޖެއަށް ކުރި 60 ވަނަ ދަތުރާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ދެމަފިރިންނަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގަތެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، އެދެމަފިރިންގެ 60 ވަނަ ދަތުރަށް މިނިސްޓްރީގެ ފަރާތުން މަރުހަބާ ކިޔާފައިވާ ކަމަށާއި މި ދަތުރުތަކުގައި މިހާތަނަށް އެ ދެމަފިރިން ރާއްޖޭގައި 1000 ދުވަހު ޗުއްޓީ ހޭދަ ކޮށްފައިވާ ކަމަށެވެ.

ޑައިވް ކުރުމަށް ލޯބި ކުރާ މި ދެމަފިރިން މިހާތަނަށް ރާއްޖޭގެ ޑައިވިން އެކި ޕޮއިންޓްތަކަށް 700-800 އާ ދެމެދުގެ އަދަދަކަށް ޑައިވްކޮށްފައިވާނެ ކަމަށް މިނިސްޓްރ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެ ދެމަފިރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 1994 ވަނަ އަހަރުގައެވެ. އެ ދެމަފިރިންގެ ހުވަފެނަކީ ރާއްޖޭގައި 100 ފަހަރު ޗުއްޓީ ހޭދަ ކުރުމެވެ. އެންމެ ފުރަތަމަ ދަތުރުން ފަށައިގެން މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމަށް އައި ބަދަލުތައްވެސް މި ދެމަފިރިންނަށް ވާނީ އިހުސާސް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު