އެކްސްކާޝަންގެ ގޮތުގައި މިޔަރުތަކަށް ކާން ދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަން ރާއްޖޭގައި ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.

އެކަން ހަނދާންކޮށްދީ އެ މިނިސްޓްރީން ވަނީ ސާކިއުލާއެއް މިއަދު އާއްމުކޮށްފައެވެ. އެ ސާކިއުލާއަކީ ހުރިހާ ޓޫރިޒަމް ފެސިލިޓިތަކާއި، ސްޓޭކް ހޯލްޑަރުންނަށް ފޮނުވި ސާކިއުލާއެކެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަކީ ގާނޫނާއި ގަވައިދާ އެއްގޮތަށް ރާއްޖޭގެ ތިމާވެއްޓަށާއި ބަޔޯޑައިވާސިޓީ އަށް ގެއްލުން ނުވާނެހެން ހިންގާ ހަރަކާތްތަކަށް ވާން ޖެހޭނެ ކަމަށެވެ.

އެ ސާކިއުލާގައި ވަނީ މިޔަރަށް ކާންދިނުން ނުވަތަ ޝާކް ފީޑިންއަކީ ރެކްރިއޭޝަނަލް ޑައިވިން ގަވައިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

މިފަދަ ސާކިއުލާއެއް އާއްމުކޮށްފައި ވަނީ، ފަހަކަށް އައިސް މިޔަރުގެ ހަމަލާ އަމާޒުވެ، އަނިޔާ ވެގެން ރިޕޯޓް ކުރަމުންދާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ސާކިއުލާގައި ވަނީ ފަތުރުވެރިންނާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް ސަމާލުކަން ދީގެން ގާނޫނާ ގަވައިދުގެ ތެރެއިން ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު