ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން ތިން ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ.

އެގޮތުން ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް މިސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ވަނީ ބަދަލު ގެނެސްފައެވެ. އަދި މީގެ އިތުރުން ފޮޓޯ ނެގުމަށް މިސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ހާއްސަކޮށް ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްތައްވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

ފޮނަދޫ ބްރާންޗް ގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި ކުޅުދުއްފުށީގައި ވަނީ އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށް މިސަރަހައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށް ދިނުމަށްޓަކައި އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗް ބަހައްޓާފައެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށްޓަކައި ކުރެވިގެންދިޔަ ހަރަކާތްތަކެކެވެ. މި 3 ރަށުގައި ކުރެވިގެންދިޔަ މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުންވަނީ މަސައްކަތްކޮށްފައެވެ.

ކޮންމެ އަހަރަކު މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިއަދު ހަރަކާތްތަކެއް ހިންގާފައިވާއިރު ބޭންކުގެ އަމާޒަކީ މި ފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިޔުމެވެ. ބީއެމްއެލްގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައިމަސައްކަތްކުރަމުންދެއެވެ. ގުދުރަތީ ކާރިސާ ތަކާއި އެކިއެކި ހާދިސާތަކުގައިއާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިޔަރުން ހަރަކާތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު