ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓު (ވީޓީޔޫ) ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން މިއަދު ނިންމައިފިއެވެ.

މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން 6 ކުދިން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރޭގައި "ޑައުންސިންޑްރޯމް" ހުންނަ ކުދިން ހިމެނޭ ކަމަށް ދިރާގުން ބުންނެވެ. އަހަރުގެ ޕްރޮގްރާމް ހާއްސަ ކޮށްފައިވަނީ ބޭސިކް ކޮމްޕިއުޓާ ސްކިލް ދަސްކޮށްދިނުމަށް ކަމަށް ދިރާގުން ބުންޏެވެ.

އަދި އިތުރު ކުދިން މިއަހަރު ބައިވެރި ކުރުވުމަށް ކެއާ ސޮސައިޓީން މަސައްކަތް ކުރަމުން އަންނަކަން ދިރާގުން ވަނީ ފާހަގަ ކޮށްފައެވެ.

މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް މައިކްރޮސޮފްޓުގެ އެޕްލިކޭޝަންތައް ދަސްކޮށްދީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓާ ބަލަހައްޓާނެ ގޮތް ދަސްކޮށްދޭނެ ކަމަށް ކެއާ ސޮސައިޓީން ބުންޏެވެ.

ދުނިޔޭގެ "ޑައުންސިންޑްރޯމް" ދުވަހާއި ގުޅިގެން ބޭއްވި އޮންލައިން ބައްދަލުވުމުގައި ދިރާގުގެ ކޯޕަރޭޓް ސާވިސަސްގެ ޑިރެކްޓަރު އާތިފާ އަލީ އަދި ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ ނައުޝަން މުހައިމިންވެސް ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި އާތިފާ ވިދާޅުވީ، ވީޓީޔޫ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު ހުނަރުތަކާއި ކޮމްޕިއުޓާ ސްކިލް ދަސްކޮށްދޭތީ ކަމަށާއި ކުރިއަށް އޮތްތާނުގައިވެސް އެ ޕްރޮގްރާމަށް ދިރާގުގެ ފަރާތުން އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ދިރާގުން ދެމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވަމުން ނައުޝަން ވާނީ ދިރާގުން ދޭ އެއްބާރުލުން ފާހަގަކުރައްވައި އެ ކުންފުންޏަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތްތަނުގައިވެސް އެހީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދިރާގުން މިއަހަރުގެ ވީޓީޔޫ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވީޓީޔޫ ގާއިމުކުރި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ އެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެހުމާއި ކްރާފްޓާއި ޑިޒައިނިން ފަދަ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު