ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން އިއްޔެ ހުޅުވާލިފަހުން އެއްދުވަސް ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހަކަށް އިއްޔެ ވެއްޖެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވައިފިއެވެ. އިއްޔެ ރާއްޖެއަށް 5375 ފަތުރުވެރިން ވަނީ އައިސްފައެވެ.

މީގެކުރިން އެންމެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 5100 ފަތުރުވެރިންނެވެ.

ރާއްޖެއަށް ރެކޯޑް އަދަދެއްގެ ފަތުރުވެރިން އައުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖެއަންނަ ފަތުރުވެރިން މި ދަނޑިވަޅުގައިވެސް ރާއްޖެއަށް އިތުބާރުކޮށް ރާއްޖެ އަންނަމުންދާތީ އެ ފަތުރުވެރިންނަށްވެސް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 272000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. ރާއްޖެއައި ފަތުރުވެރިންގެ %23.5 އަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކްރެއިނުންނެވެ.

ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް މިހާތަނަށް ރާއްޖޭގައި 692 ތަނެއް ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ 150 ރިސޯޓް، 394 ގެސްޓްހައުސް، 137 ސަފާރީ އަދި 11 ހޮޓެލްއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ވެސް ބައެއް ގައުމުތަކުގައި ވަރުގަދަ ފިޔަވަޅުތައް އަޅާފައި އޮތުމުންނާއި އަދި ރާއްޖޭގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާ އަދިވެސް ބަންދުކޮށްފައި އޮތުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ވެސް މަދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އަރަތެއް؟ މީހުން އަންނަލެއް ގިނަ ރެކޯޑަަކަށްފަހު ރެކޯޑެއް މުގުރަމުންދާވާހަކަ. އެކަމަކު އާމްދަނީގެ ރިޕޯޓްތަކުން ދައްކަނީ އާމްދަނީ ދަށްވާކަމަށް، މިދިޔައަހަރު ބޯޑަރު ބަންދުކޮށްގެން ތިބި އިރަށްވުރެ މިހާރު ލިބޭ އެއްޗެއް ދަށް، އަނެއްކާ އެތައް ހިލޭ އެހީއެއްވެސް ރެކޯޑް މިންވަރަކަށް ލިބޭވަހަކަ ދައްކާ، އެ ވަންނަނީ ކޮންތާކަށްބާ، ރިސޯޓްތަކަށް އަންނަމީހުން ހިލޭ ތިބެނީތަ، އެހެންވެތާ ޓީޖީއެސްޓީވެސް މަދުވާނީ، މިކަމާ އުޅެދޭނެ ގޮވާލަން މަގުތަކަށް ނުކުމެލަނެ މީހަކުވެސްނެތްދޯ؟ މިރާ ނިދަފަ! ކުރިންހުރި މީހާ ބޭރުކޮށްލީ ވިޔަފާރިވެރިންނަށް އުނދަގޫކުރާތީއޯ؟ މިހާރު ރަނގަޅެއްނު. އުޅޭނެގޮތަކަށް ހަދާނެއެއްޗެއް ހަދަންވީ، ދެއްކި އެއްޗެއް ބަލައިގަތީމަ ނިމުނީ.