އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގައި މިހާރު އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޓްރެވެލް އެޑްވައިޒަރީ ގްރޫޕުން މީގެ ކުރިން ބުނެފައިވަނީ އެއްވެސް ގޮތަކަށް ރާއްޖެއަށް ދަތުރު ނުކުރުމަށެވެ. ހަމަ އެކަނި އެ ގްރޫޕުން ދަތުރު ކުރުމަށް ހުއްދަ ދެނީ ވަރަށް މުހިންމު ކަންކަމުގައެވެ. އެކަމުގެ ސަބަބުން ފަތުރުވެރިންނަށް ވަރަށް ބޮޑު ދަތިތަކެއް ވެސް ކުރިމަތިވިއެވެ.

އެހެން ނަމަވެސް ރާއްޖޭގެ މިހާރުގެ ކޮވިޑް ހާލަތަށް ރިއާޔަތްކޮށް އެގައުމުގެ ސަރުކާރުން ވަނީ އެއްވެސް ކަހަލަ ހުރަހެއް ނެތި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެކަން ހާމަ ކޮށްފައެވެ.

މިކަމާއި ގުޅިގެން މައުސޫމް "ވަގުތު" އަށް ވިދާޅުވީ، އެގައުމުގެ ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރާއްޖެ އަށް އެއްވެސް ގޮތަކަށް ދަތުރު ނުކުރަން ކަމަށެވެ. އެގޮތަށް ސަރުކާރުން ނެރެފައި އޮންނައިރު، އިންޝޫރަން ކަވަރު ނުކުރާތީ ފަތުރުވެރިން ދަތުރު ކުރަން ޖެހިލުންވާ ކަމަށެވެ.

"އިރާދަ ކުރެއްވީތީ އެކަންތައް އެގޮތަށް އޮތަސް ޔޫކޭގެ ބުކިންތައް ވަރަށް ބޮޑަށް ކުރިއަރައިގެން އަންނަމުން މިއައީ. މިހާރު ދެން އެކަން ބަދަލުވުމުން އެއްވެސް ރެސްޓްރިކްޝަނެއް މިހާރު ނޯންނާނެ. ދިވެހި ރާއްޖެއަކީ މިހާރު ދާން އެންމެ ރަނގަޅު ގައުމެކޭ ސަރުކާރުން އެބުނީ." މައުސޫމް ވިދާޅުވިއެވެ

މައުސޫމް ވިދާޅުވީ، އެގައުމުގެ ސަރުކާރަށް ރާއްޖޭގެ ކޮވިޑް ހާލަތާއި ބޭހެ މައުލޫމާތު ހިއްސާކޮށް ފަތުރުވެރިންނަށް އޮތް ހުރަސް ނައްތާލުމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ހައިކޮމިޝަނުގެ ބުރަ މަސައްކަތް ފާހަގަ ކޮށްލެވޭ ކަމަށެވެ.