ބ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ނައުޓިލަސް މޯލްޑިވްސް އިން ފަތުރުވެރިން އުފުލަން ހާއްސަ ސީޕްލޭނެއް ރާއްޖެ ގެނެސްފިއެވެ.

މިއީ އެޗްސީ 6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ބޯޓު ރާއްޖެ އައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފުރައިގެންނެވެ. ނައުޓިލަސްއަށް އަލަށް ގެނައި ސީޕްލޭން އޮޕަރޭޓްކުރާނީ މަންޓާ އެއާލައިންގެ ޕައިލެޓުންނެވެ.

އެ ބޯޓު ދަތުރު ކުރާނީ ހަމައެކަނި ނައުޓިލިސް އަށް ދާން ބޭނުންވާ ފަތުރުވެރިން އުފުލުމުގައި އެކަންޏެވެ.

ރާއްޖޭގެ މަތީ ފެންވަރުގެ ބައެއް ރިސޯޓުތަކުން މިހާރު ވެސް އަމިއްލަ ސީޕްލޭން ގެންގުޅެއެވެ.

ނައުޓިލަސް މޯލްޑިވްސް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

އެ ރިސޯޓުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ ރިމޯޓްކޮށް މަސައްކަތްކުރެވޭ ގޮތަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ "ވޯކް ސްޓޭޝަން" ޕެކޭޖެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށް މިފަދަ ހިދުމަތެއް ދިނުމަށް ރިސޯޓެއްގައި ގާއިމް ކުރި ފުރަތަމަ ޕެކޭޖެވެ.

މި ޕެކޭޖްގެ ދަށުން ހިތްގައިމު މޫދާ ވަރަށް ކައިރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެތަނުގައި އިނދެގެން މަސައްކަތް ކުރަމުން އަންނަ މީހުންނަށް "ލޯންޑްރީ ސާވިސް" އަދި "ރިފްރެޝްމަންޓް ސާވިސް" ވެސް ލިބޭނެއެވެ.

އެ ވޯކްސްޓޭޝަން ޕެކޭޖްގެ ދަށުން މަަސައްކަތް ކުރާ މީހުންނަށް ފުރިހަމަ "ޕްރައިވަސީ"ގައި އެ ރިސޯޓްގެ ޕްރައިވެޓް ރަށުގައި އުޅުމުގެ ފުރުސަތު ދޭނެއެވެ. އަދި ޔޯގާއާއި މެޑިޓޭޝަނާއި ލަގްޒަރީ ޔޮޓެއްގައި ޑޮލްފިން ކްރޫސްއަކަށް ދިއުމުގެ ފުރުސަތު ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު