މިއަހަރު އެންމެ ފުރަތަމަ ރާއްޖެ އައި ފަތުރުވެރިޔާ ފާހަގަކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އާ އަހަރު ރާއްޖެ އަށް އައި ފުރަތަމަ ފަތުރުވެރިޔާގެ ނަސީބު ލިބުނީ ގަލްފް އެއާލައިންގެ ފްލައިޓުން ރާއްޖެ އައި އިނގިރޭސިވިލާތުގެ ޖޯޖީނަ ކެނިންއަށެވެ.

އިނގިރޭސިވިލާތުގެ ޖޯޖީނަ ކެނިން (ވ). --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެއާޕޯޓުން، ޖޯޖީނާއަށް މަރުހަބާ ދެންނެވީ އެމްއެމްޕީއާރްސީންނާއި އެމްއޭސީއެލުންނާއި އިމްގްރޭޝަނުންނެވެ. މި ފަތުރުވެރިޔާ އަށް ބަނޑޮސް އައިލެންޑު ރިސޯޓުންނާއި ވާދޫ އައިލެންޑް ރިސޯޓުން ވަނީ ޖޯޖީނާއަށް ހިލޭ ޗުއްޓީއެއް ދީފައެވެ.

އަދި މިދިޔަ އަހަރު ތައާރަފްކުރި ބޯޑާ މައިލްސްގެ "ސިލްވާ ޕެކޭޖެް" ގެ މެމްބަރުކަމުގެ ލިޔުން އިމިގްރޭޝަނުން ވަނީ އޭނާއަށް އަރުވައުފައެވެ. އާ އަހަރުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުން މިއަދު މެންދުރު 12 ޖެހުމާ ހަމަޔަށް ކުރިއަށްދާނެއެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮވިޑް-19ގެ ހާލަތާއެކުވެސް ނިމިގެން ދިޔަ އަހަރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ސަރުކާރުން މިދިޔަ އަހަރު، އެންމެ ފުރަތަމަ އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިންނަށެވެ. އެއަށް ފަހު 1.2 މިލިއަން ފަތުރުވެރިންނަށް ވެސް އަމާޒު ހިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް "ވަގުތު"އަށް ވިދާޅުވީ އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން ބޮޑު ލޮޅުމެއް ނައިސްފި ނަމަ، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފަސް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒަ ކުރެވޭ ކަމަށެވެ. އަދި މުޅި އަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިންނަށް ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިމިގެން ދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ކާމިޔާބީ އަކީ ރިސޯޓުތަކުގެ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުރަ މަސައްކަތެވެ.

ކޮވިޑާއެކުވެސް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވުނު މަސައްކަތް ކާމިޔާބު ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި މި އަހަރުވެސް އެކަން އެގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އިއްޔެ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން މި އަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.