ރ. ދުވާފަރުގައި ހުންނަ އެމްޑަބްލިއުއެސްސީގެ ސެންޓަރުގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީއިން މައުލޫމާތު ދިން ގޮތުގައި އެ ސެންޓަރުގެ އޮޕަރޭޝަންތަކުގެ ބޭނުންތަކަށް އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ޖުމުލަ 83 ކިލޯވަޓަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

މީގެ ކުރިން ދުވާފަރު އޮޕަރޭޝަންޓަރުގައި ހުރީ 48 ކިލޯވަޓްގެ ސޯޕާ ޕަވާ ސިސްޓަމެއް ގާއިމް ކޮށްފައެވެ. ފަހުން ގާއިމް ކުރީ 35 ކިލޯވަޓްގެ އިތުރު ސޯލާ ޕަވާ ސިސްޓަމްއެވެ.

މީގެ ބޭނުމަކީ އެމްޑަބްލިއުއެސްސީން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

2012 ވަނަ އަހަރުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މި ގޮތުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި، އދ. ރ. ދުވާފަރު ހިމެނޭހެން އެ ކުންފުނީގެ އެކިއެކި އޮޕަރޭޝަން ސެންޓަރުތަކުގައި ދަނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާފައިވއެވެ.

އެމްޑަބްލިއުއެސްސީން ބުނާ ގޮތުގައި، ޖުމުލަ 578 ކިލޯވަޓްގެ އިއާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން މިއަދު ކުންފުނިން ވަނީ ހޯދައިފައެވެ.

މިއާއި އެކު، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާސިލް ކުރަން މަގުފަހި ވެގެން ދާނެ ކަމުގައި އެ ކުންފުނިން ދެކެއެވެ.