ތަފާތު އާ ޕެކޭޖުތަކާއިއެކު ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހިދުމަތްތައް ލޯންޗުކޮށްފައެވެ. ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހިދުމަތްތައް ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި މިރޭ އޮތް ހާއްސަ ހަފްލާއެއްގައެވެ.

އެ ކުންފުނީގެ ފަރާތުން ވަނީ ދިވެހިންނަށް މުހިއްމު އަދި ޒުވާނުންނާއި ވަކިވަކި އާއިލާތަކަށާއި އަދި ވަކިވަކި ރަށްރަށަށް ހާއްސަ އުމްރާ ޕެކޭޖުތަކެއްވެސް ތައާރަފުކޮށްފައެވެ. މީގެ އިތުރުން ދަރިވަރުންނާއި އަދި ކޮންމެ މީހަކަށް ވެސް ހޯއްދެވޭ ގޮތަށް ވީއައިޕީ އުމްރާގެ ހިދުމަތް ވެސް މިރޭ އެކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.

ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗެއާމަން އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސާއީދުގެ އިތުރުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔާމީންގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރ އަހުސަން އިހުސާން ވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ ޗެއާމަން ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެކުންފުނީގެ އުމްރާ ޕެކޭޖުތަކާއި ގުޅޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ފެމިލީ ޕެކޭޖު

ފެމިލީ ޕެކޭޖުގައި ކިތަންމެ ބޮޑު ވިޔަސް އަދި ކުޑަ ވިޔަސް އާއިލާތަކަށް ބައިވެރިވެވޭނެއެވެ. މިގޮތުން މި ޕެކޭޖުގެ ދަށުން އުމްރާގެ އަޅުކަމުގައި އުޅުއްވާނީ ހަމައެކަނި އެ އާއިލާއަކުން އެކަންޏެވެ. މި ޕެކޭޖާއިއެކު އެކަނި އުމްރާއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ އާއިލާތަކަށް އެފުރުސަތު ފަހިވެގެން ދާނެއެވެ.

"އާއިލާއަކުން ބޭނުން ވެދާނެ ވަކިން އުމްރާއަށް ދާން. އެމީހުން ބޭނުންވާ ގަޑިއެއްގައި އެމީހުން ބޭނުންވާ ތާރީހެއްގައި އުމްރާއަށް ދާން. އެހެންވެ މި ގުރޫޕުގެ ފަރާތުން އަޅުގަނޑުމެންގެ ފަރާތުން ވިސާގެ ކަންކަން ހަމަޖެއްސުމާއި ހޮޓާތައް ހަމަޖެއްސުމާއި އަދި އެބޭފުޅުންނަށް ގައިޑެއް ބޭނުންވާ ކަމުގައި ވަނީނަމަ ގައިޑަކު ނުވަތަ މުރްޝިދު ހަމަޖައްސައިދިނުން މިޕެކޭޖްގައި ހިމެނޭނެ." ޝަހީމް ވިދާޅުވިއެވެ.

ކޮންމެހެން ބައިވަރު މީހުންތަކަކާއި އެއްކޮށް އުމްރާއަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށާއި ފެމިލީ ޕެކޭޖުގެ ދަށުން ވަކިވަކި އާއިލާތަކަށް އެމީހުން އެކަނި ގޮސް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އެމީހުން ޕްރައިވެޓްކޮށް، އެމީހުންގެ ދަތުރެއްހެން ކުރެވޭނެ އުމްރާއެއް. އެހެން މީހުން ބައިވެރިއެއް ނުވާނެ. އެއީ ފެމިލީ ޕެކޭޖް." އާއިލާއިން ބޭނުންވާ ކޮންމެ ދުވަސް ވަރަކާއި ދިމާކޮށްފައިވެސް އުމްރާއަށް ދެވޭގޮތަށް "ކަސްޓަމައިޒް" ކުރެއްވޭނެކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވިއެވެ. މިގޮތުން އެ އާއިލާއަކުން ބޭނުންވާ ތާރީހެއްގައި އުމްރާއަށް ދިއުމުގެ ކަންކަން މި ޕެކޭޖުގެ ދަށުން ހަމަޖެއްސޭނެއެވެ.

ސީޒަނަލް އުމްރާ ޕެކޭޖު

މިއީ އެހެން ހައްޖު އަދި އުމްރާ ދަތުރުތައް ހަމަޖައްސާ ގުރޫޕުތަކުގައި ވެސް އޮންނަ ފަދައިން އުމްރާ އަދި ހައްޖު މޫސުމުގައި ގުރޫޕާއި އެކުގައި ދިއުމަށް އޮންނަ ޕެކޭޖެކެވެ. މިގޮތުން މި އުމްރާ އެހެން ޖަމާއަތްތަކެކޭ ވެސް އެއްފަދައިން އާންމުކޮށް އުމްރާގެ އަޅުކަން އަދާކުރާ މަސްތަކުގައި އޮންނާނެއެވެ.

"މި ޕެކޭޖުގައި ރަމަޞާން މަހުގެ އުމްރާ އާއި އަދި މާރިޗު މަހު އުމްރާ. ސެޕްޓެމްބަރު އުމްރާ. އޮކްޓޫބަރު އުމްރާ. މިގޮތަށް ރާއްޖޭގެ މީހުން އާންމުކޮށް އުމްރާއަށްދާ މަސްތަކުގައި މި ދަތުރުތައް އޮންނާނީ. އެ ސީޒަންގެ އުމްރާތައް ހަމަ އެގޮތަށް އޮންނާނީ." ސީޒަނަލް އުމްރާގެ ދަތުރުތައް ވެސް ކުރިޔަށް ދިޔަ ކަމުގައި ވީނަމަވެސް އެ ނޫން ދުވަސްތަކުގައި ވެސް އުމްރާއަށް ދެވޭނެކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.

ވީއައިޕީ އުމްރާ

މިއީ ވަކި ބޮޑެތި އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އެކަނި އޮންނަ ޕެކޭޖެއް ނޫނެވެ. ވީއައިޕީ ހިދުމަތް ހޯއްދެވުމުގެ ފުރުސަތު ހަމަ ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެއެވެ.

"މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނޫނީ ވިޔަފާރިވެރިޔަކު އެބޭފުޅެއްގެ އާއިލާތަކުން ނޫނީ ވިއްޔާ ހަމަ މި ފެންވަރުގެ ހިދުމަތް ހޯދަން ބޭނުންވާ އާންމު މީހުން ވެސް ތިއްބަވާނެ. ވިއައިޕީ ހިދުމަތް އަޅުގަނޑުމެން މި ފޯރުކޮށްދެނީ މަސްޖިދުލް ހަރާމްގެ އެތެރޭގައި ތަންތަން ނޫނީ އެތަންތަނާއި އެންމެ ގާތުގައި ހުންނަ ހޮޓަލުގައި" ވީއައިޕީ ޕެކޭޖާއިއެކު އެމީހަކު ބޭނުންފުޅުވާ ފެންވަރެއްގައި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން ފާހަގަ ކުރައްވާ ޝަހީމް މިރޭ ވިދާޅުވިއެވެ.

މި ޕެކޭޖުގެ ދަށުން އުމްރާއަށްދާ ފަރާތްތަކަށް ހަމަޖައްސާނީ އެންމެ ލަސްވެގެން ފަސް ވަރަކަށް މިނެޓުން މަސްޖިދުލް ހަރަމަށް ދެވޭ ގޮތަށް ކަމަށާއި އަދި މި ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ވެސް އެބޭފުޅެއް ބޭނުންފުޅުވާ ތާރީހެއްގައި އުމްރާއަށް ދިއުމުގެ ކަންކަން އިންތިޒާމު ކޮށްލެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ސަބަބަކީ މިއަދު އަޅުގަނޑުމެންނަށް އެ ފަސޭހަތައް ފަހިވެފައި ހުރީމާ. އަމިއްލައަށް ވިސާ ޖަހާލެވޭނެ. އެހެންވީމާ އަމިއްލައަށް އެކޮޅުގެ ކަންކަން އިންތިޒާމް ކޮށްލެވޭނެ. އެހެންވީމާ އަޅުގަނޑުމެންގެ މެނޭޖުމަންޓުން އަޅުގަނޑުމެންގެ އެމްޑީ އިސްވެ ހުންނަވައިގެން އެކަހަލަ އިދާރީ ކަންކަން ވަރަށް ފަސޭހައިން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ކުރިޔަށް ގެންގޮސްދޭނެ" އޭނާ ވިދާޅުވިއެވެ.

ރަށު އުމްރާ ޕެކޭޖު

އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ވަކި ރަށެއްގައި ދިރިއުޅޭ މީހުން އެއްކޮށް ދާން ބޭނުންފުޅުވާ ކަމުގައި ވާނަމަ މި ޕެކޭޖު އިހްތިޔާރު ކުރެއްވޭނެއެވެ.

"ވަކި ރަށެއްގެ މީހުން ބޭނުންވީ އެރަށެއްގެ ވިއްސަކަށް މީހުން މިސާލަކަށް ބޭނުންވީ، ތިމަންނަމެން ބޭނުންވަނީ އެންމެން އެއްކޮންނޭ ދާން. އެހެންވީމާ އެމީހުންނަށް އަޅުގަނޑުމެން ވަގުތުން ވަގުތައް ދަތުރު ހަމަޖައްސައިދޭނެ. އެއަށް މި ކިޔަނީ ރަށު ޕެކޭޖު" ޝަހީމް ވިދާޅުވިއެވެ.

ކޮންމެ ރަށެއްގެ ވެސް އެރަށަކުން އުމްރާއަށް އެކީގައި ދާން ބޭނުންވާ ފަރާތްތަކަށް މި ޕެކޭޖުން އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެމީހުންގެ އެދަތުރުގައި ބައިވެރިވާނީ އެރަށު މީހުން އެކަނި ކަމަށާއި އެ ދަތުރުގައި އެހެން އެއްވެސް ރަށެއްގެ މީހުން ބައިވެރިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު
ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު

ހަނީމޫން ޓުއާ

ކައިވެނި ކުރުމަށް ފަހުގައި ބޭރުގެ އެކިއެކި ގައުމުތަކަށް ޒިޔާރަތް ކުރުމަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް އާންމު ކަމެކެވެ. މިގޮތުން ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ މި ޕެކޭޖުގެ ދަށުން މައްކާ މަދީނާއަށް ހަނީމޫން ޓުއާއަކަށް ވަޑައިގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

"މި ހަނީމޫން ޓުއާގައި މި އޮންނަނީ ހަނީމޫންގައި އެ ޓުއާގައި އަޅުގަނޑުމެން، މައްކާއާއި މަދީނާގައިވާ ފަތުރުވެރި މަރުކަޒުތައް ބަލާލުމާއި ރީތިތަންތަން ބަލާލުމާއި އަދި އޭގެ ތެރޭގައި އުމްރާ ވެސް ކުރެވޭ ގޮތަށް" އޭނާ ވިދާޅުވިއެވެ.

މަދީނާގެ ރަށްބޭރުގައި ހުންނަ ތާރީހީ ފަތުރުވެރިކަމުގެ މަރުކަޒުތަކަށް ޒިޔާރަތް ކުރުން ފަދަ ތަފާތު ކަންކަން މި ޕެކޭޖުގައި ހިމެނިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޖިއްދާ އަށް ދިއުމާއި ޝޮޕިން މޯލްތަކަށް ދިއުން ފަދަ ކަންކަން ވެސް އޮންނާނެ ކަމަށާއި ސައުދީ އަރަބިއްޔާގައި މިހާރު ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ބްރޭންޑުތައް އެސްޓަބްލިޝް ވެފައިވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ކޯޕަރޭޓް ޕެކޭޖު

މި ޕެކޭޖަކީ އެކިއެކި ވިޔަފާރި ކުންފުނިތަކަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖު ކުރިޔަށް ގެންދާނީ އެކުންފުންޏަކާއި ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕާއި ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ހާއްސަ ރޭޓުތަކެއްގައި ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

ސްޓޫޑެންޓް ޕެކޭޖު

ސުޓޫޑެންޓު ޕެކޭޖަކީ ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު އާ ޕެކޭޖެކެވެ.

މިގޮތުން ދަރިވަރުންނަށް ވެސް ފަސޭހަ ކަމާއިއެކުގައި މައްކާއަށް މަދީނާއަށް ގޮސްލާ އެތަންތަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މި ޕެކޭޖުގެ ދަށުން ލިބޭއިރު މި ހުރިހާ ކަމެއްވެސް ދަރިވަރުންނަށް ފިލާވަޅު ލިބެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ގޮތެއްގައި އިންތިޒާމު ކުރެވޭނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިސާލަކަށް ވަހީ ބާވާ ލެއްވުނު ވާހަކަ. ހިރާ ފަރުބަދައިގެ ވާހަކަ ދައްކާއިރު ހިރާ ފަރުބަދާއިގެ ކައިރިއަށް ގޮސް އެވާހަކަ ދެއްކީމާ އެމީހުންނަށް ކިހާ ބޮޑު ފިލާވަޅެއް އިސްލާމް މާއްދާގައި އެ ނަގާދެވުނީ. އަމަލީގޮތުން އެތަނަށް ގޮސް އެތަން ފެނި" ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރުންނަށް ހާއްސަ މި ޕެކޭޖުގައި ދަރިވަރުންނަށް ފަސޭހަ ކަމާއިއެކު ހިދުމަތް ހޯއްދެވޭނެ ގޮތަށް ލުއި އަގުތަކެއްގައި ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެންމެ ހާއްސަ ސިފައަކީ މިއީ ތަރުބަވީ ޓުއާ އެއްކަން." އޭނާ ވިދާޅުވިއެވެ.

ޔޫތު ޕެކޭޖް

މިއީ ޒުވާނުންނަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖު ފަރުމާކޮށްފައިވަނީ ކުޅިވަރު ޖަމިއްޔާތަކާއި ޒުވާނުންގެ ގުރޫޕުތަކަށް ބައިވެރިވެވޭނެ ގޮތަކަށް ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ އެމްޑީ ޔާމިން ވިދާޅުވީ ރާއްޖޭގެ އެކިއެކި ފަރާތްތަކުން ވެސް ޓުއާތަކަށް ވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ސައުދީ އަރަބިއްޔާ އަކީ އަޅުކަމުގެ އިތުރުން އެހެން ކަންކަން ވެސް ހިމެނޭ ތަނެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޖިއްދާ އަކީ މުޅި ދުނިޔޭގައި ވެސް ބެލިކަމުގައި ވީނަމަވެސް ވިޔަފާރިގައި މައި އެއް މަރުކަޒު. ހާއްސަކޮށް ޖިއްދާ ޕޯޓަކީ އިގްތިސާދީ ގޮތުން ބެލިކަމުގައި ވީނަމަވެސް ދުނިޔޭގައި އެންމެ ވަރުގަދަ އެއް ޕޯޓު. އެހެންވީމާ މިކަހަލަ މައުލޫމާތު ހާއްސަކޮށް ބިޒްނަސް ކުދިންނަށް މިފަދަ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ކަހަލަ ގޮތަކަށް މި ޕެކޭޖެސްތަކުގެ ތެރެއިން އަޅުކަމަކާއި އެއްކޮށް ރާވާ ލެވޭނެ" އޭނާ ވިދާޅުވިއެވެ.

މިޕެކޭޖްތައް ނެގުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިއުންތެރިއެއް

    ماشاءالله

    22
    2
  2. ރަސީ

    ޕެކޭޖް ތަކުގެ އަގު ވަކިވަކިން ލިޔެލިނަމަ ހާދަ ރަނގަޅުވީހޭ ހިތަށް އަރާ. ވަރަށް ރަނގަޅު ތީގައި ހުރި ޕެކޭޖްތައް. އަދި ވަރަށް ޝައުޤުވެރި

    23
    3
  3. Anonymous

    ތިޔަފަދަ މާތް ޚިދުމަތެއް ރައްޔިތުންނަށް ފަސޭހަކަމާއިއެކު ފަހިކޮށްދިނުމަށް ޑރ.ޝަހީމް ޓީމު ތިޔަކުރައްވާ މަސައްކަތައް ﷲގެ ރަޙުމަތްފުޅުން ކާމިޔާބު ދެއްވާށި، آمين، ياربالعالمين,آمين 🙏 އަދި ތިޔަ ޓީމަށް ވަރަށްބޮޑަށް ޝުކުރިއްޔާ.

    8
    1