އެސްޖޭގައި 100 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުރިކަން އިއުލާނު ކޮށް، އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އޯޕެން ޑޭއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތާއި ރީޓެއިލް ވިޔަފާރި މެދުނުކެނޑި 26 އަހަރު ކުރަމުންދާ އެސްޖޭއިން އޯޕެން ޑޭއެއް ބާއްވަން ނިންމާފައި ވަނީ އެ ކުންފުނިން ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުންދާ މޯލްއަށާއި ކުންފުނީގެ ޕްރޮޖެކްޓް އޮޕަރޭޝަންއަށެވެ.

އޭގެ ތެރޭގައި ކޭޝިއަރުން، އެޑްމިނިސްޓްރޭޓިވް އޮފިސަރުން، ޕްރޮޖެކްޓް ކޯޑިނޭޓަރ، ރިސެޕްޝަނިސްޓް، ކޯސްޓް އެކައުންޓެންޓް، އެކައުންޓް އެސިސްޓެންޓް، ސޭލްސް އެންޑް މާކެޓިންގ އޮފިސަރ، ޕްރޮކިއުމެންޓް އެންޑް ޕަރޗޭސިންގ އޮފިސަރ، ޕޭރޯލް އޮފިސަރ އަދި ވެއަރ ހައުސް އެސިސްޓެޓް ފަދަ މަގާމުތަކަށް މުވައްޒަފުން ނަގަން ހަމަޖެހިފައި ވެއެވެ.

މި މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ހޮވުމަށް ބާއްވާ އޯޕެން ޑޭ 27 އަދި 28 މެއި ގައި އޮންނާނީ އެސްޖޭ މޯލް، ބޯގަންވިލާ މަގު ލޮޓް ނަމްބަރު 11608، ހުޅުމާލެ (ގާޒީ ސްކޫލް ކައިރި) ގައެވެ.

އޯޕެން ޑޭ މި ދެ ދުވަހުވެސް މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ކުރިއަށް ދާނެއެވެ. އަދި މި މަގާމުތަކަށް ހޮވޭ މުވައްޒަފުންނަށް 8،000ރ އާއި 50،000ރ. އާ ދެމެދުގެ އަދަދެއް މުސާރައިގެ ގޮތުގައި ދޭ ގޮތަށް ހަމަޖެހިފައިވާއިރު، މުސާރަ ކަނޑައެޅޭނީ މަސްއޫލިއްޔަތުތަކާއި މަގާމަށް ބެލުމަށް ފަހުއެވެ.

އެސްޖޭއިން ބުނީ، އެ ކުންފުނީގެ މޯލް ކުރިއަށް އޮތް ތިން މަސް ތެރޭގައި ހުޅުވިގެންދާއިރު، އޭގެ ކުރިން މުވައްޒަފުން ނަގާ، މުވައްޒަފުންނަށް ތަމްރީނުތައް ދެމުންގެންދާނެ ކަމަށެވެ.