ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި ވަނިކޮށް ޑޮލަރުގެ އަގު އަރަން ފަށައިފިއެވެ.

މީގެ ދެ ދުވަހެއް ކުރިން، ޑޮލަރުގެ އަގު 16.90ރ. އަދި 16.80ރ. އަށް ވެއްޓިފައިވެއެވެ.

މިއީ މިފަހުން ޑޮލަރުގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި ވޭތުވެދިޔަ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ވެސް ވެސް ޑޮލަރުގެ އަގު މިހާ ބޮޑަށް ވެއްޓިފައި ނުވެއެވެ.

ކުއްލިއަކަށް އެ އަދަދަށް ވެއްޓިފައި ވަނީ ޑޮލަރުގެ އަގު 17.70ރ. އާއި 17.50ރ. ދެމެދުގައި ހުއްޓައެވެ.

ޑޮލަރު މާރުކުރާ ބައެއް ތަންތަނުން ޑޮލަރެެއް މިއަދު ގަންނަނީ 17.00ރ. އަށެވެ. އަދި 16.90ރ. އާއި 16.80ރ. އަށް ޑޮލަރު މާރު ކުރަނީ މިހާރު ވަރަށް މަދު ތަނަކުން ކަން އެނގިފައިވެއެވެ.

"ވަގުތު" އާ ވާހަކަ ދެއްކި ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ ޑޮލަރުގެ އަގު ކުއްލިއަކަށް ވެއްޓުނީ ބާޒާރުގައި ޑޮލަރު ވަރަށް ފަސޭހަ އިން ލިބެމުން އަންނާތީ ކަމަށެވެ. އަދި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ މުސާރަ ރަނގަޅުވުމަކީ ޑޮލަރުގެ އަގު ވެއްޓެން ދިމާވާ އެއް ސަބަބު ކަމަށް އޭނާ ބުންޏެވެ.

"ޑޮލަރު ވަންނަން އޮތް އެންމެ ބޮޑު ދިމާލަކީ ފަތުރުވެރިކަމުގެ ސިނާއަތް. އެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ބޮޑު އެއްޗެއް ލިބޭ މިނިމަމް ވޭޖް ކަނޑައެޅުމާއެކު. އެހެންވެ، އެމީހުންނަށް ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން ޑޮލަރުގެ އަގަށް މި ބަދަލު އަންނަނީ،" ވިޔަފާރިވެރިޔަކު ބުންޏެވެ.

އަނެއް ސަބަބެއްގެ ގޮތުގައި އެ ވިޔަފާރިވެރިޔާ ފާހަގަ ކުރީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވުމެވެ. ފަތުރުވެރިން ގިނަ އިން އަންނަ ނަމަ، މިއަށް ވުރެ ބޮޑަށް ވެސް ޑޮލަރުގެ އަގު ވެއްޓޭނެ ކަމަށް އޭނާ ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ވެސް ތިރި ވާނެ ކަމަށް ބެލެވެނީ. މިހެން ކުޑަކޮށް ޑޮލަރުގެ އަގު މައްޗަށް ޖެހުނަސް، މާ ބޮޑު ތަނުން މައްޗަށް ދާނެ ކަމަކަށް ނުބެލެވޭ،" އެމީހާ ބުންޏެވެ.

ޑޮލަރު ލިބުން ދަތިވެގެން މީގެ އެއް އަހަރު ކުރިން، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20ރ. އަށް ވެސް އެރިއެވެ. އޭގެ ފަހުން ދެން ފެނުނީ ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓުނު ތަނެވެ.

ޑޮލަރުގެ އަގު ދަށަށް ގޮސްފައިވާ އިރު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.