ބިދޭސިއަކަށް ވަގު ޑޮލަރުތަކެއް ވިއްކި މައްސަލައެއް ސާބިތުވެ، ދެ މީހަކު 28،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭގެ ދެ މީހުން ވަނީ ވައިބާ ގުރޫޕެއްގައި ޑޮލަރު ވިއްކާކަން އިއުލާނުކޮށް، ފަހު ޕާކިސްތާނު މީހަކަށް ސައްހަ ނޫން 800 ޑޮލަރު ވިއްކާލާފައެވެ. ސައްހަ ނޫން ޑޮލަރުގެ މުއާމަލާތުން އެމީހުން ވަނީ 13،200 ރުފިޔާ ހޯދާފައެވެ.

އެ މައްސަލައިގާ ދައުލަތުން ވަނީ ދެ މީހުންގެ މައްޗަށް ވެސް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ކްރިމިނަލް ކޯޓު – ވަގުތު އިމޭޖްސް
ކްރިމިނަލް ކޯޓު – ވަގުތު އިމޭޖްސް

ދެ މީހުން ވެސް ވަނީ މައްސަލައާއި ގުޅިގެން ދައުލަތާ އެކުގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އެއްބަސްވުމުގެ ދަށުން ދެ މީހުން ވެސް ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެފައެވެ.

އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ މައްސަލައިގާ ކަނޑައެޅޭނީ އެ ކުށުގެ އެންމެ ދަށް އަދަބަށްވުރެ ދަށްނުވާ އަދަބެކެވެ. އެގޮތުން ކަނޑައެޅޭނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އެކަމަކު އެ އަދަބުގެ ބާވަތް ބަދަލުކުރުމުގެ އިހްތިޔާރު ޝަރީއަތަށް ލިބިގެންވެއެވެ.

އެހެންކަމުން ދިފާއުގެ އެދުމާ އެއްގޮތަށް ގާޒީ މުހައްމަދު މިސްބާހު ވަނީ އެ ހުކުމް ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ. ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭގެ ދެ މީހުން 28،800 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމްކޮށްފައެވެ.