މެއި މަހު ދައުލަތަށް 1.28 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން މިއަދު ބުނެފިއެވެ.

މީރާ އިން މިއަދު ބުނީ، އެ އެ އިދާރާއިން މެއި މަހު 1.28 ބިލިއަން ރުފިޔާ ބަލައިގަތްއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %63.0 އިތުރު އަދަދެކެވެ. އަދި އެ މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.8 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއަރޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން ޖީއެސްޓީ އަދި ނަން-ރެޒިޑެންޓް ވިތްހޯލްޑިންގ ޓެކްސް ގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވާކަން ފާހަގަކޮށްފައި ވެއެވެ.

މި އަހަރު މެއި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ އެއީ 829.44 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު އިންކަމް ޓެކްސްގެ ގޮތުގައި 105.85 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މީގެ އިތުރުން، ގްރީން ޓެކްސް ގެ ގޮތުގައި 96.58 މިލިއަން ރުފިޔާ ލިބުނުއިރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.61 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އޭގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 59.80 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 129.81 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެފައި ވެއެވެ.

މި އަހަރު މެއި މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 53.47 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.