މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 780،000 އަށްވުރެ މަށްޗަށް އަރައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް އައުމުގެ ކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހާއި ހަމައަށް 831،549 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އަދި 2020 ވަނަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ، 382،816 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރަތްކުރީ، 494،924 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 784،107 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ އިނގެރޭސި ވިލާތެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ރަޝިޔާ އިންނެވެ.

ރާއްޖޭގެ ޖުމްލަ 164 ރިސޯޓެއް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، 662 ގެސްޓުހައުސް ހިންގަމުން އެބަދެއެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތްދޭ 150 ސަފާރީ އެބައޮތެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖޭގައި ފަތުރުވެރިން ތިބޭ ދުވަސްތަކުގެ އަދަދުތައް ދަނީ ދަށް ވަމުންނެވެ. އެގޮތުން ޖެނުއަރީގައި ޓޫރިސްޓުންގެ ސްޓޭ އުޅެނީ އެވްރެޖްކޮށް 9 ދުވަހެވެ. ފެބްރުއަރީ ގައި 8.6 ދުވަސް، މާޗް ގައި 8 ދުވަސް، އޭޕްރީލް މަހު 8.1 ދުވަސް، މެއި މަހު 7.1 ދުވަސް، މި މަހުގެ 7.8 ދުވަހެވެ.

މިއީ މިދިޔަ އަހަރާއި އަޅާ ބަލާއި ދަށްވުމެކެވެ. މި ދިޔަ އަހަރު ރާއްޖޭގައި ފަތުރުވެރިން އެވްރެޖްކޮށް ހޭދާ އަދަދު އުޅެނީ 8.7 ގަ އެވެ. މި އަހަރު އެ އަދަދު އުޅެނީ 8.2 ގަ އެވެ.

މިދިޔަ އަހަރު 1.32 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު، އެންމެ ގިނަ އަދަދަކަށް ރާއްޖެ އައީ އިންޑިއާ ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު ރާއްޖެ އަށް 555،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު