އަވަސް ފެރީ ހިދުމަތަކުން ރާއްޖޭޭގެ ހުރިހާ ރަށެއް ގުޅުވާލުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ހިދުމަތް ރަސްމީކޮށް ހއ.އަތޮޅަށް ފަށައިފިއެވެ.

މިހާރުވެސް ހއ. އަތޮޅަށް ދަތުރުތައް ކުރަމުން ދިޔަ ނަމަވެސް އަދި މި ދަތުރުތައް ކުރަމުން ދަނީ އަގު ނުނަގައެވެ.

އެމްޓީސީސީން މި ހިދުމަތް ހއ. އަތޮޅަށް ރަސްމީކޮށް ފެށުމާއި ގުޅިގެން ނެރުއްވެވި ނޫސް ބަޔާނެއްގައި ވިދާޅުވީ، އާރުޓީއެލްގެ ޒޯން 1 (ހއ، ހދ، ށ)ގައި ހިމެނޭ ހއ. އަތޮޅަށް ދަތުރުތައް ރަސްމީކޮށް ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މި ޒޯންގައި ހިމެނޭ ހދ އަތޮޅުގެ ދަތުރުތައް ފަށާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

"އަގުނަގައިގެން ރަސްމީކޮށް ޙިދުމަތް ފެށުމުގެ ކުރިން ހއ. އަތޮޅުގެ ރަށްތަކަށް 26 ޖޫން 2022 ވަނަ ދުވަހުން ފެށިގެން 2 ޖުލައި 2022 ވަނަ ދުވަހާއި ހަމައަށް އާރް.ޓީ.އެލްގެ ދަތުރުތައް ކޮށްދިނުމަށް ނިންމާފައިވަނީ މުޅިން ހިލެއެވެ." އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ، ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުންކަމަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް އަގުނަގައިގެން ކުރުމަށް ރަސްމީކޮށް ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގައި ރެޖިސްޓަރވެފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

"އާރްޓީއެލް ފެރީގެ ޚިދުމަތަށް 3 ޖުލައި 2022 އިން ފެށިގެން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، 1 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން މި ކުންފުނިން އެކަމަށް ޙާއްޞަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ބައްލަވައިގަނެވޭނެއެވެ. އަދި ހިލޭ ދަތުރުކުރެވޭ މުއްދަތު 2 ޖޫން 2022 ނިޔަލަށް ހަމަވުމާއެކު، ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލެވޭނެއެވެ." އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މި ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، 5 ސްޕީޑް ފެރީ މެދުވެރިކޮށް 8 ރޫޓަކުން ލިބޭނެއެވެ.

  1. ހއ. ތުރާކުނު – ހއ. ދިއްދޫ (ރޫޓް އެސް1ސީ1)
  2. ހއ. މުޅަދޫ – ހއ. ދިއްދޫ (ރޫޓް އެސް1ސީ2)
  3. ހއ. މާރަންދޫ – ހއ. ދިއްދޫ (ރޫޓް އެސް1ސީ3)
  4. ހއ. ފިއްލަދޫ – ހއ. ދިއްދޫ (ރޫޓް އެސް1ސީ4)
  5. ހއ. ކެލާ – ހއ. ދިއްދޫ (ރޫޓް އެސް1ސީ5)
  6. ހއ. އިހަވަންދޫ – ހދ. ކުޅުދުއްފުށި (ރޫޓް އެޗް1)
  7. ހއ. ދިއްދޫ – ހދ. ހަނިމާދޫ (ރޫޓް އެސް1ސީ6)
  8. ހއ. ދިއްދޫ – ހދ. ކުޅުދުއްފުށި (ރޫޓް އެސް1ވީ1)