މި އަހަރު އަޟްހާ އީދު ފާހަގަކުރުމަށް އއ. ތޮއްޑޫއަށް 700 އެއްހާ މީހުން ދިޔަ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް "ވަގުތު"އަށް ވިދާޅުވީ މިހާރު ފާހަގަކުރަމުންދާ އަޟްހާ އީދަށް ރަށުން ބޭރުން 700 އެއްހާ މީހުން އެ ރަށަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިންނާއި ދިވެހިން ވެސް ހިމެނެ އެވެ.

ތޮއްޑޫގައި 53 ގެސްޓް ހައުސް ހިންގަމުންދާއިރުގައި 80 އިންސައްތަ އެދުތައް އީދަށް އެއްކޮށް ފުލްވެފައިވާ ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ.

"މި ފަހަރު އީދުގައި ގެސްޓް ހައުސްތައް އެއްކޮށް ފުލްއެއް ނޫން. އެއީ މި ދުވަސްކޮޅު ވިއްސާރަ ވެގެން ބައެއް ބުކިންތައް ކެންސަލް ވީމަ." ކަރަމް ވިދާޅުވި އެވެ.

އީދުގައި ތޮއްޑޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
--- ފޮޓޯ ކައުންސިލް

ކަރަމް ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ތޮއްޑޫތައް ޒިޔާރަތް ކުރުމުން ރަށުގެ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ބޮޑު ފައިދާއެއް ވެފައިވާ ކަމަށެވެ.

ތޮއްޑޫގައި އީދު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަށެވެ. އެއީ ހައްޖު ދުވަހުން ފެށިގެން މާދަމާއަށް ކަމަށް ކަރަމް ވިދާޅުވި އެވެ.

އީދު ފާހަގަކުރުމަށް ސަގާފީ ހަރަކާތްތަކާއި، ކުޅިވަރު ތަކާއި، ސްޓޭޖް ޝޯވ ވެސް ތޮއްޑޫގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އީދު ދުވަހުގެ ރޭ އެ ރަށުގައިވަނީ ހަވާ ވެސް އަރުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތއޑ

    ތޮއްޑޫ ގަ ތިބޭ... މާލެ އަންނާނެ ކަމެއް ނެތް... ތޮޑޫގަ ތިބެގެން ތި ރަށް ތަރައްގީ ކުރޭ... މާލޭގަ އުޅޭ ރަށްރަށުގެ މީހުން ހޮލިޑޭ ހަދަން ދާތަކަށް ރަށް ހެދީމަ ރަށް ތަރައްގީޔެއް ނުވާނެ... ދެން މާލެ ނާދޭ!!!