ދުނިޔޭގެ މަޝްހޫރު ބްރޭންޑް "ހާޑްރޮކް" އިން "ޔުނިޓީ ބައި ހާޑްރޮކް" ގެ ނަމުގައި ހާއްސަ ގްލޯބަލް ލޯޔަލްޓީ ޕްރޮގްރާމެއް ލޯންޗް ކޮށްފިއެވެ.

މިއީ އެހެން ޕްރޮގްރާމްތަކާއި ތަފާތު ގްލޯބަލް ލޯޔަލިޓީ ޕްރޮގްރާމެކެވެ.

މިއީ އެ ކުންފުންޏަށް 50 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް، ހާޑް ރޮކް ހޮޓަލްތަކާއި، ކެފޭތަކާއި، އަދި އެހެނިހެން ތަންތަނުގައި އުފާވެރި ވަގުތުތައް ހޭދަކޮށް، ގަބޫލުނުކުރެވޭފަދަ އިނާމުތަކެއް ލިބިގެންދިއުމުގެ އިިތުރުން، ރިޑީމް ކޮށްގެން ޕޮއިންޓްތައް އިތުރު ކުރެވޭނެ ޕްރޮގްރާމެކެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޕްރޮގްރާމް ލޯންޗްކޮށްފައިވާއިރު، ރާއްޖޭގައި ހާޑްރޮކް ބްރޭންޑްގެ ހޮޓެލް އަދި ކެފޭ ހިންގަމުންދާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ވަނީ މިކަމަށް ހާއްސަ އިވެންޓެއް ބާއްވާފައެވެ.

‏‎ޔުނިޓީ ބައި ހާޑްރޮކް ލޯޔަލިޓީ ޕްރޮގްރާމާއި ގުޅުވައިގެން ހާޑް ރޮކް ކެފޭގައި ބޭއްވި އިވެންޓް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ބްރޭންޑްގެ 167 ކެފޭ އަކާއި 27 ހޮޓެލްގެ އިތުރުން 57 ރޮކްޝޯޕްގެ އިތުރުން ހަތަރު އެންޓާޓެއިންމެންޓް ހިންގަމުން ދެއެވެ. އޭގެ ތެރެއިން ރާއްޖޭގައި ހިންގަމުންދާ ހާޑްރޮކް ހޮޓެލް އާއި ހާޑްރޮކް ކެފޭ ހިމެނެއެވެ.

އެހެންކަމުން މި ހާއްސަ ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވެގެން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ ހާޑްރޮކްގެ ކޮންމެ ތަނަކުންވެސް ޕްރޮމޯޝަންތަކާއި އިތުރު ފުރުސަތުތަކުގައި ބައިވެރިވެވޭއިރު، މި ހާއްސަ ޕްރޮގްރާމްގައި ހިލޭ ރެޖިސްޓަރ ވެވޭނެއެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ކްރޮސްރޯޑްސްގެ މެނޭޖިންގ ޑިރެކްޓަރ ޓޮލްގާ ޔުނާން ވިދާޅުވީ، ހާޑްރޮކް ކުންފުންޏަށް ލިބުނު އެތައް އެތައް ކާމިޔާބީއަކަށްފަހު ލޯންޗް ކުރެވޭ މި ލޯޔަލްޓީ ޕްރޮގްރާމްގެ ސަބަބުން އެތައް ފައިދާއެއް އެންމެންނަށްވެސް ލިބިގެންދާނެ ކަމަށެވެ.

‎ޔުނިޓީ ބައި ހާޑްރޮކް ލޯޔަލިޓީ ޕްރޮގްރާމާއި ކްރޮސްރޯޑްސްގެ މެނޭޖިންގ ޑިރެކްޓަރ ޓޮލްގާ މައުލޫމާތު ދެނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޓޮލްގާ ވިދާޅުވިގޮތުގައި، 2019 ވަނަ އަހަރު ހާޑްރޮކް ހޮޓެލް މޯލްޑިވްސް ހުޅުވި ފަހުން މި ރިސޯޓް ވެގެން ގޮސްފައި ވަނީ ހާޑްރޮކްގެ ހުރިހާ ހޮޓެލްތަކުގެ ތެރެއިންވެސް އަހަރުގެ އެންމެ ރަނގަޅު ހޮޓެލްގެ ތާޖު ލިބުނު ހޮޓަލަށެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްވަމުން ހާޑް ރޮކް ކެފޭގެ އެސިސްޓެންޓް މެނޭޖަރ ޖޯނީ ގުމޭކިއަލް ލަވަސް (ޖޯން) ވިދާޅުވީ، މިއީ ހާޑްރޮކް އިތުރަށް ދިރާސާކޮށް، އެ ބްރޭންޑްގެ ޕްރޮޕާޓީތަކާއި ހިދުމަތްތައް އިތުރަށް ބަލާލުމަށް ލިބޭނެ ފުުރުސަތެއް ކަމަށެވެ.

އެގޮތުން 200 އަށްވުރެ ތަންތަނުގައި ހިންގާ ހާޑްރޮކްގެ ޕްރޮޕާޓީތަކުގައި މި ޕްރޮގްރާމްގެ ދަށުން ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

‏‎ޔުނިޓީ ބައި ހާޑްރޮކް ލޯޔަލިޓީ ޕްރޮގްރާމާއި ހާޑް ރޮކް ކެފޭގެ އެސިސްޓެންޓް މެނޭޖަރ ޖޯން މައުލޫމާތު ދެނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ހާޑްރޮކް ކެފޭގެ އެހެން ލޮކޭޝަނަކަށް ދިޔަކަމުގައިވިޔަސް، ނޫނީ ހާޑްރޮކް ސްޕާ ނޫނީ ރޮކްޝޮޕް އަށް ދިިޔަޔަސް އެތަނަށް ހޭދަކުރާ ފައިސާ އިން ޕޮއިންޓްތައް ލިބޭއިރު، އެ ޕޮއިންޓްތައް ބޭނުންކޮށްގެން ހާއްސަ އިނާޔަތްތައް ލިބޭނެ. އެގޮތުން އެ އިނާޔަތްތައް ރިޑީމް ކުރެވޭނެ ކެފޭގައި ކާ އެއްޗެއްސަށްވެސް ނޫނީ ހާޑްރޮކް ޕްރޮޕާޓީއެއްގެ އެހެން ކަމަކަށްވެސް، އެގޮތުން ހޮޓެލްގެ ރޫމްނައިޓް އާއި ސްޕާގައިވެސް ބޭނުން ކުރެވޭނެ". އޭނާ ވިދާޅުވިއެވެ.

މި ހާއްސަ ޕްރޮގްރާމަށް ރެޖިސްޓަރވާ ފަރާތްތަކުން ޖެހޭނީ ކޮންމެ ހާޑްރޮކް ޕްރޮޕާޓީއަކަށް ގޮސްވެސް އެ މީހަކަށް ލިބިފައިވާ ހާއްސަ އައިޑީ އެތަނަކަށް ދައްކާށެވެ. އެއިރުން އެ ހުރިހާ އިނާޔަތްތައް ލިބުމުގެ މަގު ފަހި ވެގެން ދާނެއެވެ.

ކްރޮސްރޯޑްސްގައި ހިންގަމުންދާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއަކީ މިއުޒިކަށް ލޯބި ކުރާ ހާއްސަކޮށް ތަރައްގީކޮށްފައިވާ ފަސް ތަރީގެ ރިސޯޓެކެވެ. އެ ރިސޯޓްގައި އެކި ކެޓެގަރީގެ 178 ކޮޓަރި ހިމެނޭއިރު އޭގެ ތެރޭގައި ސުއިޓް، ބީޗް އަދި އޯވާ ވޯޓާ ޕޫލް ވިލާ ހިމެނެެއެވެ. މީގެ އިތުރުން އެ ރިސޯޓްގައި ކޮންމެ އުމުރެއްގެ މީހުންނާއި ގުޅޭގޮތަށް ހިދުމަތްތައް ލިބެން ހުންނައިރު، މިއީ އާއިލާއެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ފެންވަރު ރަނގަޅު އެއް ރިސޯޓަށް ވާނެއެވެ.

މި ރިސޯޓްގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހާޑް ރޮކް ކެފޭ، ބޮޑީ ރޮކް، ފިޓްނަސް ސެންޓަރ، ރޮކް ސްޕާ، ރޮކް ޝޮޕް ގާއިމްކޮށްފައި ވެއެވެ. އަދި މި ރިސޯޓަކީ މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ މަންޒިލެވެ.