ފާއިތުވި ޖޫން މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖޫން މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ މާލެ އަތޮޅުންނާއި އދ. އަތޮޅުން ކަމަަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ޖޫން މަހު ރިސޯޓް، ގެސްޓްހައުސް އަދި ހޮޓެލްތަކުން ގްރީން ޓެކުހުގެ ގޮތުގައި69.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސަފާރީތަކުން 1.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޖޫން މަހު ލިބުނު ފައިސާގެ ތެރެއިން 25 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 24.3 މިލިއަނާއި ގެސްޓްހައުސްތަކުން ލިބިފައިވާ ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާއެވެ.

ދެން އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ އދ. އަތޮޅުން، ޖޫންމަހު ވަނީ 7.7 މިލިއަން ރުފިޔާ ލިބިފައެވެ. މީގެތެރޭގައި ރިސޯޓް ގެސްޓްހައުސް އަދި ހޮޓެލްތަކުން ލިބުނު އާމްދަނީ ހިމެނެއެވެ.

ތިން ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 6.6 މިލިއަން ރުފިޔާއާއެކު ރ. އަތޮޅުންނެވެ. މިއީ މުޅިންވެސް ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ރ. އަތޮޅުން ލިބިފައިވާ އަދަދުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.