މި އަހަރުގެ ޖުލައި މަހު 2.65 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ބުނީ އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ %311.8 އިތުރު އަދަދެއް ކަމަށެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %84.1 އިތުރު އަދަދެއް ކަމަށް ބުނެފައި ވެއެވެ.

ޖޫން މަހު ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި ގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުވެފައިވުން ކަމަށް މީރާއިން ބުނެފައި ވެއެވެ.

އޭގެ ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހުގައި އައިސްފައިވުމެވެ.

އެ ސުންގަޑި ވޭތުވެ ދިޔަ އަހަރު އައިސްފައިވަނީ އޮގަސްޓު މަހުގައެވެ. އެ އަހަރުގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އީދު ބަންދާއި ގުޅިގެން ސަރުކާރު ބަންދުވުމުގެ ސަބަބުން އޮގަސްޓް 2021 އަށް ފަސްކުރިއެވެ.

އެ ކަމުގެ ސަބަބުން މި އަހަރުގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ އޭގެ ކުރީ އަހަރުގެ އެ މުއްދަތާއި އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ.

" ޖުލައި 2022 ގައި 7 ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް. މި ފީ ޖުލައި 2021 ގައި ލިބިފައެއް ނުވޭ. މީގެ އިތުރުންވެސް، ޖުލައި 2021 އާއި ޖުލައި 2022 އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 97.4% އިތުރުވެފައިވުމަކީވެސް ޖުލައި 2022 ގައި އާމްދަނީ އިތުރުވުމުގެ ސަބަބެއް." މީރާއިން ބުނެފައި ވެއެވެ.

ޖުލައި 2022 ގައި ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 1.29 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 577.79 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 537.30 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 61.51 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.92 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 134.31 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ.

މި އަހަރުގެ ޖުލައި މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    ދެނޯ؟؟ މާދަމާ ނޫހުގަ ޖަހަނާނެ 2،65 ބިލިއަން ރުފިޔާ ވަގައް ނަގާއްޕޭ.. ތިތަނަކީ ނަމަކައް ފުލުހުން ގާޑުކުރާތަނެކޭ ކިޔާއަޑުއިވޭ.

  2. Anonymous

    ހަރާމް.

  3. ތުންބިން

    ކިތައްމެވަރަކަށް ރުފިޔާ ލިބުނަސް ކާމީހުންކައިފަ ޤައުމު ދަރަނީގަ... ވަރަށް ސަޅި!!