މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 31 އިންސައްތަ މައްޗަށް ޖެހިފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 31 އިންސައްތައިގެ އިތުުރު ވުމެކެވެ.

އިމްޕޯޓް އިތުރު ވުމުގެ ސަބަބުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 56 އިންސައްތަ އިތުރުވެފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ލިބިފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އޮމާންއިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 698 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

ޔޫއޭއީ އިން 550 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 493 މިލިއަން ރުފިޔާގެ މުދާ ވެސް މިދިޔަ މަހު ވަނީ ރާއްޖެ އެތެރެކޮށްފައެވެ. ސިންގަޕޫރުން މިދިޔަ މަހު އެތެރެ ކުރީ 343 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައި ވަނީ ޖަރުމަނުވިލާތް، އިނގިރޭސި ވިލާތް، މޮރިޝަސް އަށެވެ. ޖަރުމަނަށް 27 އިންސައްތަ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު އިނގިރޭސި ވިލާތަށް އެކްސްޕޯޓް ކޮށްފައިވަނީ 23 އިންސައްތަ މުދަލެވެ. އަދި މޮރިޝަސް އަށް 16 އިންސައްތަގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.