އެމްޑަބްލިއުއެސްސީގެ އީ ޕޯޓަލަށް އިތުރު ބަދަލުތަކެއް ގެނެސްފައިިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އެކުންފުނީގެ ޚިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ، ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ވީހާވެސް ލުއިފަސޭހަ ކަމާއިއެކު ޚިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައި ދިނުން ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކަސްޓަމަރުންނަށް ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް ނުވަތަ އީ-ޕޯރޓަލްއަށް އައު ބަދަލުތަކެއް ގެނެސް ވަނީ އިތުރަށް ތަރައްޤީކުރެވިފައި ކަމަށާއި މި ބަދަލުތަކާއި އެކު އީ-ޕޯޓަލް ބޭނުންކުރުމުގައި ކަސްޓަމަރުނަނަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެމްޑަބްލިއުއެސްސީގެ އީ-ޕޯރޓަލްއަށް ގެނެވިފައިވާ ބަދަލުތަކަކީ:

- އީޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މައުލޫމާތު އެއް ތަނަކުން ބަލައިލެވޭނެ.
- އީ-ޕޯޓަލްއަށް ލޮގިންވުމަށް އީ-މެއިލްގެ ބަދަލުގައި މިހާރު މޯބައިލް ނަންބަރު ބޭނުންކޮށްގެން ލޮގިންވެވޭނެ. - އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކޭނެ.
- އަދި ޕާޓް- ަޕޭމންޓް އުސޫލުންވެސް ބިލްތަކަށް މިހާރު އީ-ޕޯޓަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ. - އީ-ޕޯޓަލްގައި މިހާރު ކުންފުނިތަކުގެ އެކައުންޓްތައްވެސް ހުޅުވޭނެ.
- ފެންބިލްތަކުގެ ތެރެއިން ޑިއުވެފައިވާ ބިލްތަކާއި ބިލްތަކުގެ ތަޕްސީލު ފަސޭހަކަމާއިއެކު ބަލާލެވޭނެ.
- ވަކިވަކި މީޓަރުތަކުން ފެންބޭނުން ކުރެވިފައިވާ ގޮތުގެ ތަފްސީލާއި، ފެން މީޓަރުގެ ރީޑިންގްވެސް އީ-ޕޯޓަލް މެދުވެރިކޯށް ބަލާލެވޭނެ.
- ރ.ދުވާފަރުގެ ކަސްޓަމަރުންނަށް އީ-ޕޯޓަލްގައި ކަރަންޓު މީޓަރު އެޑްކޮށް ރީޑިންގްވެސް ބަލާލެވޭނެ.
- ފެންބިލްތަކުގެ ސްޓޭޓްމަންޓްތައް ފާއިތުވި ހަ މަސް ދުވަހާއި ހަމަޔަށް ބަލާލެވޭނެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ، އީ-ޕޯޓަލަށް މިގެނެވުނު އައު ބަދަލާއެކު ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދައި ލިބިގަތުމަށް އިތުރަށް ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެކުންފުނީގެ ހޮޓްލައިން ނަމްބަރު 105 ގުޅުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި އަދި ވީހައިވެސް ލުއި ފަސޭހަގޮތެއްގައި ކުންފުނީގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.