މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 1.41 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 29 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާ އިން ބުނެފައި ވެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަޅާއިރު، މި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވެފައި ވަނީ، އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާންދަނީ ދަށްވެފައިވުމުން ނެވެ.

އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާންދަނީ ދަށްވި ސަބަބަކީ 2021 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރު، 2021 އަށް ފަސްކޮށްފައިވުން ކަމަށް މީރާއިން ބުނެ އެވެ. އަދި މިއަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ޖުލައި 31، 2022 ގައި އައިސްފައިވާތީއެވެ.

އޭގެ އިތުރުން 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، އޮކްޓޯބަރު މަހަށް ސުންގަޑި ފަސްވުމަކީ މިދިޔަ މަހުގެ އާންދަނީ ދަށްވުމުގެ ސަބަބެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރިވަރަށްވުރެ އާމްދަނީ އިތުރުވީ ނަން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް، ކޯޕޮރޭޓް އިންކަމް ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށެވެ.

މި އަހަރު ސެޕްޓެމްބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 45.6 އިންސައްތަ ނުވަތަ 640.93 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 21.2 އިންސައްތަ ނުވަތަ 297.63 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން އިކްކަމް ޓެސްގެ ގިތުގައި 149.30 ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 174.84 މިލިއަން ރުދިޔާ މީރާއަށް ވަނީ ލިބިފަ އެވެ.

ސެޕްޓެމްބަރު މަހު ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.