ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ނިންމި ނިންމުމާއެކު އިގްތިސާދަށް ގެއްލުންވާނެ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ސަރުކާރުން ބޭނުން ވަނީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުންދާ ހަ ޕަސެންޓް ޓެކްސް އަށް ޕަސެންޓްއަށް ބަދަލު ކުރާށެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަމުންދާ 12 ޕަސެންޓްގެ ބަދަލުގައި 16 ޕަސެންޓްއަށް ބޮޑު ކުރާށެެވެ.

މަޓޯޓާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ނިންމުމަކީ ވިސްނާލުމެއް ނެތި އަވަސް އަރުވާލައިގެން ނިންމާފައިވާ ނުރައްކާތެރި ނިންމުމެއް ކަމަށާއި އަދި މީގެ ކުރިން އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

ހަމަ އެ ނިންމުން ނިންމީ އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށާއި އެ ނިންމުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަދި ރާއްޖޭގެ އުފެއްދުންތެރިކަމަށް ވެސް އަސަރު ކުރާނެ ކަމަށް ބުނެފައިވެއެވެ.

މަޓާޓޯއިން ބުނީ ސަރުކާރުގެ ނިންމުމާމެދު މޯލްޑިވްސް ބޯޓިން އެސޯސިއޭޝަންއާއި އަދި ގެސްޓް ހައުސް އެސޯސިއޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓާޓޯ)އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

މަޓާޓޯއިން ބުނީ ސަރުކާރުގެ ނިންމުމާ ގުޅިގެން 300 އެއްހާ ޓުއާ އޮޕަރޭޓަރުންނާއެކު ވެސް މަޝްވަރާތައްކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުން ވެސް ބުނީ އެ ނިންމުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދާނެ ކަމަށެވެ.

އެގޮތުން މިހާރު ވެސް އިންޑޮނީޝިއާގެ ބާލީއާއި އަދި ފިލިޕިންސް ފަދަ ގައުމުތަކުން ރާއްޖެއާ ވަރަށް ބޮޑަށް ވާދަ ކުރަމުންދާއިރު އެފަދަ ނިންމުމެއް ނިންމުން ފަތުރުވެރިން އަންނަ މިންވަރަށް އަސަރު ކުރާނެ ކަމަށް ބަޔާނުގައިވެއެވެ. އެއީ އެފަދަ ވާދަވެރި ގައުމުތަކާ އަޅާ ބަލާއިރު ރާއްޖެއަކީ އެންމެ ބޮޑަށް ޓެކްސް ނަގާ ގައުމަށް ވާނެތީ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޓެކްސް އެހާ ބޮޑުކުރުމުގެ ބަދަލުގައި ހަރަދު ކުޑަކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރުމަށް ވެސް މަޓާޓޯއިން ގޮވާލައިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯހިރު

    ރާއްޖޭގެ އިޤްތިޞާދުގައި އޮތް އެންމެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ މުދަލުގެ އެއްވެސް ހައްގެއް ރައްޔިތުންނަށް ނެތުން. މަހުޖަނުންކޮޅަކާއި ބޭރުގެ ކުންފުނިތަކުގެ ޖީބުތަކަށް ރައްޔިތުންގެ މުދަލަށް ލިބޭހައި ފައިސާ ވަދެގެން ދިޔުން. މިކަމުގެ ސަބަބުން ކިތަންމެ ގިނަ ޑޮލަރެއް ގައުމަށް ވަނަސް މިގައުމުގައި އެފައިސާއެއް ނުހިފެހެއްޓޭ. ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ރައްޔިތުންނަށް ޚަރަދުކުރަން ހުންނަނީ. އެ ފައިސާކޮޅުގެ ތެރެއިން ބައެއް މިދަނީ ކޮރަޕްޝަނަށް ވަދެގެން. މީ ރައްޔިތުންގެ އަތުން ދެތިން ޕަސެންޓުގެ ޓެކްސްއެއް ނަގައިގެންވެސް ރަނގަޅަށް މެނޭޖްކުރެވޭނެ ގައުމަކަށްވިޔަސް މިކަންކަން މިހެން ހުރުމުން މުޅި އިޤްތިޞާދަށް އޭގެ އަސަރު އެބަކުރޭ. ރައްޔިތުން ޑޮލަރު ފަހަތުން ސަލާންޖެހުން ނުހުއްޓޭ. ބޭސްފަރުވާއަށް ސަލާންޖެހުން ނުހުއްޓޭ. ގެދޮރަށް ސަލާންޖެހުން ނުހުއްޓޭ. މިކަންކަން ހައްލުކުރުމުގެ ބަދަލުގައި ކޮންމެވެސް ނަމެއް ކިޔާފައި ރައްޔިތުން އެޓަޓައިންކުރުން މިގައުމުގައި މިއޮންނަނީ.