"ދިރާގު ފުޓްބޯޅަ އީދު" ނަމުގައި ދިރާގުން ކެމްޕޭނެއް ލޯންޗުކޮށް ބޮޑު ތިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކެމްޕޭން ލޯންޗުކުރީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖާރ އެޑްވަރޓައިޒިންގ، ހަސަން ޝާރިހް މިއަދު ވިދާޅުވީ އަންނަ ހަފުތާގައި ގަތަރުގައި ފަށާ ވޯލްޑް ކަޕް މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަކޮށް ފާހަގަކުރާ އިވެންޓެއް ކަމަށެވެ. ވޯލްޑް ކަޕްގެ އީދާއި ގުޅުވައި "ދިރާގު ފުޓުބޯޅަ އީދު" ލޯންޗުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން "ދިރާގު ފުޓްބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށް ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތަކުގެ ޒަރިއްޔާއިން އެ މުބާރާތް ދިވެހިރާއްޖޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނާއި ހަމައަށް ގެނެސްދޭން ނިންމާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

"ފުޓުބޯޅަ އީދު" ކެމްޕެއިންގެ ދަށުން ބޮޑެތި ޑޭޓާތައް ލިބޭ ތިން ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދާނެއެވެ.

ދިރާގުގެ ތިން ބޮޑު ޕްރޮމޯޝަން

ޖެހީ ލިބުނީ ޖީބީ: މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެއެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓަރ ކުރެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރެޖިސްޓަރ ކުރެވޭނީ އެއް ފަހަރުއެވެ.

މެޖިކް ޑޭޓާ: 350 ރުފިޔާއަށް 25ޖީބީ ލިބޭ މި އެޑް-އޮން އެކްޓިވޭޓްކުރާ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ރެންޑަމްކޮށް %100 އާއި ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބޭނެއެވެ. އަދި މި ޑޭޓާ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.

ޑަބަލް ޑޭޓާ: މި ކެމްޕެއިން މުއްދަތުގައި މޮބައިލް ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާރ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓާތަކެއް ނެގުމުން އެއްއަގެއްގައި ހިލޭ ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އޭގެ އިތުރުން އެ ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ދިރާގުގެ ޓްވިޓާރ، އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުތަކުގައި ކޮންމެ ހަފުތާއަކުވެސް ޚާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެއެވެ.

"ގެސް ދަ ޕްލޭޔާ؟" ނަމުގައި ކުރިއަށްގެންދާ އެ ކުއިޒްގައި ބައިވެރިވެގެން ކޮންމެވެސް ފަސް ނަސީބުވެރިއަކަށް 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ. އަދި މި ފަސް ބުރުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތުން މޮޅުވާ އެއް ބޭފުޅަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގޭމެއްވެސް ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "ދިރާގު ފުޓުބޯޅަ އީދު" ގެ ހާއްސަ ވައިބަރ އަދި ޓެލެގްރާމް ސްޓިކަރ ޕެކެއްވެސް ދިރާގުން ވަނީ ފަރުމާކޮށްފައެވެ.

"ދިރާގު ފުޓުބޯޅަ އީދު" ގެ ހާއްސަ ޕްރޮމޯޝަންތަކާއިއެކު އެކުންފުނީގެ އަމާޒަކީ މި ކުލަގަދަ ކުޅިވަރު އީދު ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކައި ހަމައަށް ގެނެސްދީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުން ކަމަށް ދިރާގުން ބުނެއެެވެ.