ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް
ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، އިކޮނޮމިކް ރިސާޗް ސެންޓަރެއް (އީއާރްސީ) މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.

މި ސެންޓަރު ގާއިމު ކުރީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް އާއި މިނިސްޓްރީއާ ދެމެދު ފެބުރުވަރީ 2022 ގައި ސޮއިކުރެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ފޯރުކޮށްދެއްވާފައިވާ ފަންނީ އެހީތެރިކަމާއެކުގައެވެ.

އިކޮނޮމިކް ރިސާރޗް ސެންޓަރުގެ އަމާޒަކީ، ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް،
ތަފާސް ހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުންކުރުމަށް މަގު ފަހިކޮށްދިނުމާއި ،ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބޮޑު ބަދަލެއް ގެނައުމެވެ.

މި ސެންޓަރުގެ މަސައްކަތް ޚާއްސަކުރެވިފައިވަނީ، ތަފާސް ހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި،
ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުރުމަށެވެ. އީ.އާރު.ސީގެ ވިސްނުމަކީ ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދެމެދު ޢިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށް ވުމެވެ.

އީ.އާރް.ސީގެ މަސައްކަތް ފެށިގެން ދިޔައީ، މިނިސްޓްރީގެ މޭންޑޭޓާއި އެއްގޮތަށް، ވިޔަފާރި،
އިންވެސްޓްމަންޓް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ވަޒީފާގެ ބާޒާރާ ބެހޭ ދިރާސާތަކުންނެވެ.

ކުރިއަށް އޮތް ތަނުގައި، އެހެނިހެން ދާއިރާތަކަށް މި ދިރާސާތައް ފުޅާކުރުމަށްވެސް ރާވާފައި ވެއެވެ. މި ދިރާސާތަކުން އިގްތިސޯދަށް އަންނަ ލޮޅުންތަކާއި، އިގްތިސާދު ކުރިއެރުވުމަށް ހުރި ފުރުސަތުތަކާއި ގިންތި އަދި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް އިލްމީ ބަހުސްތަކަށް މަގު ފަހިވެގެން ދާނެއެވެ.

އީ.އާރް.ސީގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރ، އެކަޑީމިއާ، މަދަނީ ޖަމިއްޔާ އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅިގެން، ތަފާސް ހިސާބުތަކަށް ދޭ އަހަމިއްޔަތުކަން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތް ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަތިންގ ޓު ސޭ

    ތިޔައީ އިޚްލާޞްތެރި ކަމާއެކު ކުރާ ކަމެއް ނޫން، އިންތިޚާބަށް ވޯޓް ހޯދަން ވަޒީފާ ބަހަން ކުރާ ކަމެއް. އިޚްލާޞްތެރިކަމެއް އޮތްނަމަ ކުރީ ސަރުކާރުތަކުން ކޮށްފަ ހުންނަ ރައްޔިތުންނަށާއި ޤައުމަށް ފައިދާހުރި ޕްލޭންތައް ހުއްޓާ ނުލާ ކުރިއަށްގެންދާނެ. އަދި އެޕްލޭންތަކުގެ ގޯސް ވާހަކަތައް ނުދައްކައި އިތުރަށް ފުރިހަމަ ކުރަން ހުރި ކަންކަން ކުރާނެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ލޯނު ނަގައިގެން ހިއްކާ ބިންތައް ވޯޓް ހޯދަން ބޭނުން ބަޔަކަށް ހިލޭ ބެހުމާއި އެބިމުގައި ގާތް ވިޔަފާރިވެރިންނަށް އެމީހުން އިތުރަށް މުއްސަނދިވާން ފުލެޓެއް ނާޅާ ސޯޝަލް ހައުސިންގ ޔުނިޓްތައް އަޅައި ޙައްޤުވާ މީހުންނަށް ދޭނެ. ޙައްޤުވާ މީހުންނަކީ އަނބި، ފިރި އެއްވެސް ފުލެޓެއް ނެތި އަމިއްލަ ބިން، ގެ، ފުލެޓް މާލެ ސަރަހައްދުގައި ނެތް މީހުން.