ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ބޮޑު ބަދަލެއް ގެނެސްދިން، ކްރޮސްރޯޑްސް މޯލްޑިވްސްގެ ޓިކެޓިންގ ސެންޓަރ މާލެ އާރޓް ގެލެރީއަށް ބަދަލުކޮށްފިއެވެ.
ކްރޮސްރޯޑްސްއަކީ ގިނަ އަދަދެއްގެ ބަޔަކު މާލެ އިން ބޭރަށް ވަގުތު ހޭދަ ކުރުމަށް ދާ ތަނެކެވެ. ކްރޮސްރޯޑްސްގެ ދަ މެރީނާގައި އާއިލާއެކު ވަގުތު ހޭދަ ކުރުމަށް ގިނަ ތަންތަން ގާއިމް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓްތަކާއި، ތަންތަންވެސް ފާހަގަކޮށްލެވެއެވެ. މި ތަނަށް މަހެއްގެ މައްޗަށް އެތައް ހާސް ބަޔަކު ދެއެވެ.
މީގެ ކުރިން މިތަނަށް ދިއުމަށް ޓިކެޓް ނެގުމަށް ބޫތެއް ގާއިމްކޮށްފައި ވަނީ މަސްވެރިންގެ ޕާކްކަގައެވެ. އެހެން ނަމަވެސް މިހާރު އެ ހިދުމަތް މި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އާރޓް ގެލެރީއަށް ބަދަލު ކޮށްފައެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މާލެ އާރޓް ގެލެރީގައި ހުންނަ ކްރޮސްރޯޑްސްގެ ޓިކެޓިންގ ސެންޓަރ ހުޅުވައިދީފައިވަނީ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މަހްލޫފްގެ އިތުރުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރޮސްރޯޑްސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޓޮލްގާ ޔުނާން ވިދާޅުވީ އާރޓް ގެލެރީއާއި މިފަދަ ކޮލޮބަރޭޝަންއެއް ހެދުމުގެ މައިގަނޑު ބޭނުމަކީ ކްރޮސްރޯޑްސް އިން ފަންނުވެރިންގެ ފަންނުތައް ކުރިއަރުވާދިނުމަށް ހިތްވަރުދިނުމަށް ގެންގުޅޭ ވިސްނުމުގެ ސަބަބުން ކަމަށެވެ.
އަދި ރާއްޖޭގައި ހުނަރުވެރި އާޓިސްޓުން ތިބި ކަމަށާއި، މި ކޮލަބަރޭޝަންގެ ސަބަބުން މި އާޓިސްޓުންގެ މަސައްކަތް ފަތުރުވެރިންނަށް ހުށަހެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކްރޮސްރޯޑްސްއަށް 200،000 ވަރަކަށް ފަތުރުވެރިން އާދޭ. މީގެ ސަބަބުން ފަންނުވެރިންނަށް ފުރުސަތުތައް ހުޅުވިގެންދާނެ. މީގެ އިތުރަށް އަހަރެމެންގެ ފަތުރުވެރިން ދަތުރު ފެށުމުގެ ކުރިން މިތާގައި މަޑުކޮށްގެން ތިބޭ ވަގުތުކޮޅުގެ ތެރޭގައި އެމީހުންނަށް މި ކުރެހުންތަކުގެ ރީތިކަން ބަލާލެވޭނެ. އެހެންވީމާ ކްރޮސްރޯޑްސް އަދި ފަންނުވެރިން، ދެފަރާތަށްވެސް މިކަމުގެ ސަބަބުން ފައިދާ ކުރާނެ". އޭނާ ވިދާޅުވިއެވެ.
ކްރޮސްރޯޑްސްގެ އަމާޒަކީ ދިވެހިންނަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ފަތުުރުވެރިންނެކޭ އެއް ހަމައެއްފައި ކްރޮސްރޯޑްސް ހިތްގައިމުކަން އަތްފޯރާފަށެއްގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާރުވެސް އާރޓް ގެލެރީގައި ދިވެހިންގެ ފުރިހަމަ މަސައްކަތްތަކެއް އެތަނުން ފެނިގެން ދެއެވެ. ހާއްސަކޮށް ދިވެހިންގެ ފުރިހަމަ އާޓް ވޯޓް ފެނިގެން ދާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި އެންމެ ތަފާތު ކޮންސެޕްޓަކަށް ހިންގަމުންދާ ކްރޮސްރޯޑްސް އަކީ އިންޑަސްޓްރީގެ އެންމެ މަތީ ހަރުފަތްތަކުގައި ކުރިއަރަމުން އަންނަ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މަންޒިލެކެެވެ. އެތަނުގައި ދެ ރިސޯޓެއް ހިންގަމުން ދެއެވެ. އެއީ ފަސް ތަރީގެ ދެ ރިސޯޓް ކަމަށްވާ "ހާޑް ރޮކް ހޮޓެލް މޯލްޑިވްސް" އާއި "ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ސައި ލޭގޫން" އެވެ
މަހޭ ވަރަށް ކުރީގަ!!