ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތް ވިލިމާލެއަށް ފޯރުކޮށްދިނުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ހަވީރު ބުނޫ ވިލިމާލޭގައި އެމްޓީސީސީން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި 6 އިލެކްޓްރޮނިކް ވެހިކަލް (އީވީ) ބަސް ކަމަށެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދި، މީގެ އިތުރުން 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނާނެއެވެ. ވީމާ، ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެއެވެ.

އެމްޓީސީސީން ބުނީ ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރިތައް އެ ކުންފުނިން އަންނަނީ ކުރަމުން ކަމަށެވެ. އެކުންފުނިން ބުނީ އުންމީދަކީ މި ހިނގާ ޖަނަވަރީ މަސް ނިމުމުގެ ކުރިން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމެވެ. އަދި އާރްޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން ތައްޔާރުވިކަން މިއިއުލާން ކުރީ މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތައް ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެކަން އިއުލާން ކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ބަހުގެ ހިދުމަތް ފެށުމުން ބަގީގެ ހިދުމަތައް ގެންނާނެ ބަދަލެއް އަދި ނޭނގެއެވެ.