އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީން ސޮއިކޮށްފިއެވެެ.

ކުދި ޖަޒީރާ ރަށްތަކެއްހެން ދިވެހިރާއްޖެ އޮތް ކަމުގައި ވިޔަސް، ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ އެއްޗެއް ނޫންކަމަށް އެޗް.ޑީ.ސީން ގަބޫލުކުރެއެވެ. އަދި ކުދި ރަށްތަކުގައިވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެ ކަމަށް އެ ކޯޕަރޭޝަނުން ސާބިތުކޮށްދޭން ބޭނުންވާ ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.

މިގޮތުން އއ. ތޮއްޑޫގެ ކައުންސިލާއެކު އޯޕަން އެކްސްސް ވިއުގަ ފަދަ ސްމާޓް އިންފްރާސްޓްރަކްޗަރ އަދި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމާގުޅޭ މަޝްވަރާތައް ކުރެވި މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެ ކަންކަމުގެ ތެރޭގައި، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުށަންތައް ތޮއްޑޫގައި ތައާރަފު ކުރުން ހިމެނެއެވެ.

އެޗްޑީސީން ބުނީ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަން ތަކާއެކު ހުޅުމާލެވެސް ސްމާޓް ސިޓީއަކަށް ހެދުމަށް އެޗް.ޑީސީން މަސައްކަތް ފަށާ ހަލުވިކަމާއެކު ކުރިޔަށްދާތާ މިހާރު މިވަނީ އަހަރަކަށްވުރެން ގިނަދުވަސް ވެފައިކަމަށެވެ. ކާމިޔާބު ކަމާ އެކު ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއްގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް މިހާރު ވަނީ ހުޅުމާލޭގައި އަޅާފައިކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް ، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ދަނީ ތައާރަފު ކުރެވެމުންނެވެ. މި ކަންކަމުގައި އެޗް.ޑީ.ސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެއްމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ދިވެހިންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    އެޗްޑީސީ އިން ބޭރު ބަޔަކާ ގުޅިގެން އައިޓީ ދާއިރާ އަށް ވަނީ އެވެ. ދެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އޭގެ އަސަރު ކުރާނެ އެވެ.

  2. އަލިމުތް

    އެޗްޑީސީ އާއި ތޮއްޑޫ އަކާއި ކޮންބެހޭ ކަމެއް؟