ދުރު ދަތުރުތައް އަލުން ފެށުމަށް މޯލްޑިވިއަން އިން ދެ ފްލައިޓް ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް އެކުންފުނިން ބުނެފިއެވެ. މޯލްޑިވިއަން އިން ހޯދަން އިއުލާންކޮށްފައި ވަނީ އެއަރބަސް އޭ330-200 މަރުކާގެ ދެފްލައިޓެވެ.

ދުރު ދަތުރުތަކުގައި ބޭނުންކުރަން މޯލްޑިވިއަން ފްލީޓްގައި އޮތް އެންމެ ބޮޑު ދެ ފްލައިޓް ވަނީ މިދިޔަ އަހަރު ދޫކޮށްލާފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި އޭރު އޮތް އެންމެ ބޮޑު ފްލައިޓަކީ އެއަރބަސް-އޭ321 ގެ ފްލައިޓެކެވެ. މި ފްލައިޓްގެ ލީސް އަންނަ މަހު ހަމަވާއިރު، މި ފްލައިޓަކީ ގިނަ ދުވަސްވުމުގެ ސަބަބުން ދުރު ދަތުރުތަކުގައި ބޭނުން ނުކުރެވޭނެ ފްލައިޓެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަނުން ގެންނަ އައު ފްލައިޓްތައް ކުއްޔަށް ނެގުމަށް ހަމަޖެހިފައިވަނީ 6 އަހަރުގެ މުއްދަތަކަށެވެ. އެ ފްލައިޓްތައް ގެނައުމަށްފަހު ދަތުރުތަށް ކުރާނެ ސީދާ މަންޒިލްތަކެއް އަދި އެކުންފުނިން ހާމައެއް ނުކުރެއެވެ.

މޯލްޑިވިއަނުން ދުރު ދަތުރުތަކުގައި ބޭނުންކުރަން ހޯދާ އެއަރބަސް އޭ330-200 މަރުކާގެ ފްލައިޓްތަކަކީ 200 މީހުންގެ ޖާގައިގެ ދެ ފްލައިޓެވެ.

މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.

ޗައިނާ ފަތުރުވެރިން އަންނަން ފެށިއިރު މޯލްޑިވިއަން އިން އެކަމަށް ތައްޔާރުވެފައި ނެތުމުން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ދާދި ފަހުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން އެކުންފުނިން ވަނީ އޭޓީއާރު މަރުކާގެ ދެ ފްލައިޓް ގެނެސްފައެވެ. އޭތެރެއިން ފުރަތަމަ ފްލައިޓް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ފްލައިޓް ބޭނުންކުރަން ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އިތުރު ފްލައިޓެއް މިމަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑީޑޯ

    ތިކަން ކުރީންވެސް އިންގޭ އަޑިއަޑީން. ޖެނިފާ މެންނަށް ކަޓުލާފަ ބޭރުން ކުއްޔަށް ބާ ފުލައިޓުގަޑެއް ގެނެސް ރައްޔިތުން ގުބޯހައްދަނީ. ހުރިހާ ކަޓަކުން ލިބޭ ޑޮލަރުކޮޅު ޖެނީފާގެ ކޮއްކޮ އެކައުންޓަށް