ހުޅުމާލެއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ވިޔަފާރީގެ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ތަނަަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށް ކަަމަށެވެ. އަދި ދެ ވަނަ ފިޔަވަހީގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ހުޅުމާލެ ފޭސް އެކެއއްގައި ތަރައްގީ ކުރަމުންދާ ބައެއް ތަންތަން

އެގޮތުން، ވިޔަފާރި ވެރިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ހާއްސަ އިސްކަމެއް ދީގެން ގިނަ ކޮމޭޝަލް ޔުނިޓްތަކާއި އިމާރާތްތައް އެޅުމަށް މިހާރު ހަވާލު ކުރެވި މަސައްކަތްތައް ދަނީ ކުރަމުންނެވެ.

"އަލަށް އިމާރާތް ކުރެވެމުންދާ ހައުސިން މަޝްރޫއުތަކުގެ ކޮމެޝަލް ޔުނިޓްތައް އެކި ކަހަލަ ވިޔަފާރިތައް ހިމެނިގެން އިއުލާން ކުރެވި މިހާރު ޔުނިޓުތަކުގައި ހިދުމަތްތައް ވެސް ދަނީ ދެމުން. އޭގެ އިތުރުން، މިހާރު ހުޅުމާލޭގައި ލިބެން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ހިދުމަތްތައް ގާއިމު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އަލަށް ގާއިމު ކުރާ ދެ ޕެޓްރޯލް ޝެޑަކީވެސް ޒަމާނީ ހިދުމަތްތައް. އެގޮތުން ކާރު އަދި ސައިކަލް ދޮވެ، ކުދި ރިޕެއާ ކުރެވޭނެ ގޮތަށް ފަރުމާކޮށް ހަވާލު ކުރެވިފައިވާ ދެ މަސައްކަތް. މީގެ ތެރެއިން، ހޯކްސް ޕްރައިވެޓް ލިމިޓަޑާއި ހަވާލުކުރެވުނު ޝެޑުން މިހާރު ވެސް ގިނަ ބަޔަކު ދަނީ ހިދުމަތް ހޯދަމުން." އެޗްޑީސީއިން ބުނެފައި ވެއެވެ.

ހުޅުމާލެ ފޭސް އެކެއއްގައި ތަރައްގީ ކޮށްފައިވާ ތަނެއް، މި ތަނުގައި މިހާރުވެސް އެ ތަނުގައި ދެ ރެސްޓޯރެންޓް ހިންގަމުންދޭ - ފޮޓޯ: އެޗްޑީސީ

އެޗްޑީސީއިން ބުނީ ކެފޭ، ނުވަތަ ރެސްޓޯރަންޓުތަކަކީ އަބަދުވެސް އާއްމުންގެ މެދުގައި މަގުބޫލު ވިޔަފާރިތަކެއް ކަމަށެވެ. ހުޅުމާލޭގައި ހުންނަ ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހުރި ފުރުސަތުތައް އިތުރުކޮށް، އެފަދަ ތަންތަނަކީ އާއިލާތަކާއި ކުޑަ ކުދިންނަށް ހިތްފަސޭހަ ބޭނުން ކުރަން ފަސޭހަ ތަންތަނަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ވޯޓާ ފްރަންޓް ކޮމެޝަލް ކޮމްޕްލެކްސް ފާހަގަކޮށްލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެ އިމާރާތުގައި ގިނަ ފްރެންޗައިސްތަކަކުން ހިދުމަތް މިހާރު ދެމުންދާއިރު، އިވެންޓް ފަދަ ހަފުލާ ބޭއްވުމަށް ކުޑަ ހޯލެއް ވެސް ހުންނާނެއެވެ. ހަމަ އެގޮތަށް ކެފޭ ކޯޓެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. އެ ކެފޭ ކޯޓުގައި ހަ ރެސްޓޯރަންޓް ހުންނަ އިރު، ޓެރަސް އަދި އިވެންޓް ސްޕޭސްގެ އިތުރުން ސްވިމިން ޕޫލެއް ހިމެނެއެވެ.

ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ވިޔަފާރީގެ ޔުނިޓެއް، މިތަނުގައި އެސްޓާސް ފިހާރައެއް ހިންގަން ދަނީ ތައްޔާރުވަމުން

އޭގެ އިތުރުން، ތަފާތު ހިދުމަތްތައް އިތުރުކުރުމަށް ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ގާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެމްޓީޑީ އަދި ގްލަޓާއި ހަވާލުކޮށްގެން އިމާރާތް ކުރާ ސެންޓަރުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެޗްޑީސީގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ހުޅުމާލެ އަކީ ޒަމާނީ އަދި ހުރިހާ ހިދުމަތްތަކެއް ވެސް ފަސޭހަ ކަމާއި އެކު ލިބިގެންދާނެ ރަށަކަށް ހެދުމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ގޮތަށް ޕްލޭން ކުރެވި ފުރިހަމަ ރަށަކަށް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ތީގެ ތަނެއް ހެދިއަސް ތަންނިމޭތާ އެތައް އަހަރެއް ހުންނަނީ ވިޔަފާރިތަކަށް ދޫނުކުރެވި..އެޗްޑީސީގެ ގާބިލުކަމާއި އެއްވަރަށް ތިޔުނިޓުތައް އިތުރުކުރަން ފެންނަނީ..

  2. ޖަވާދު

    ކުދި އަދި މެދު ފަންތީގެ ފިހާރަތައް ދޫކުރާއިރު ބިޑް ސިކިއުރިޓީއަށް ބޮޑު ޢަދަދެއް ނަގާފަ ނުވިހާ ކުދިންގެ ފޫޅަށްދަންދެން ހުށަހަޅަން އޮތީމާ އެކަމެއް ނުވާނެ! ޤަވާއިދެއް ހަދާފަ ފަސޭހައިން ލިބޭ ގޮތަށް ދިނީމާ އެ ނިމުނީ! އެމީޙަކަށް އެކަން ނުކުރެވިޖިއްޔާ އޮންނާނެ ވަކި ކުރެވެން! މިހާރު އޮންނަގޮތުން ނިކަމެތި ރައްޔިތު މީހާ ފޯމެއްވެސް ލެވޭކަށް ނޯންނާނެ! ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ހަދާލަން މީހެއްގެ އަތަށް ދިނަސް ވިއްސަކަށް ހާސް ރުފިޔާ ޚަރަދުވާނެ! އހެންވީމާ މި އޮންނަނީ އަބަދުވެސް ލިބޭ މީޙާއަށް ލިބި މުއްސަދި ވާގޮތަށް! އޭގެ ބަދަލުގަ އެންމެ އާދައިގެ މީޙާއަށް ވެސް ފަސޭހައިން ކުރިމަތި ލެވޭނަމަ އަލަށް އެތައް ވިޔަފާރި ވެރިންތަކެއް އުފެދި އެމީޙުންގެ ދިރިއުޅުން ތަނަވަސް ވާނެ

  3. މޫސަ

    އެއަރޕޯޓުން ޝަޓްލް ބަސް ބާއްވަގޮތަށް ބޮޑު ޑިޕާރޓްމަންޓަލް ސްޓޯރ އެއްއަޅާ އެތަނުގއަ އެކިކަހަލަ ވިޔަފާރި އާއި ކެފޭ ޢާއި ސިނަމާ އާއި ހަދާ ސޭލްތަށް އަޅުވާ އެއީ ރާއްޖޭގައި ބޭރުގެ ފެންވަރަށް ތަރައްގީ ކުރެވޭތަނަކަށް ހެދުން ފެނޭ

    1
    2